11 Nov 2013, 10:51
އިންޑިއާގެ ރަންޗީގައި އިއްޔެ ފެށި ދެ ވަނަ ސާފް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ އެވެ.
މި ރަސްމިއްޔާތުގައި ސައުތު އޭޝިއާގެ އަށް ގައުމުން ބައިވެރިވި އެވެ. ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ ހިފެހެއްޓީ ޖޫނިއާ އެތުލެޓިކްސް ޓީމްގެ ކެޕްޓަން ޝަރަފުއްދީން ސްކޫލްގެ ހުސައިން ޝަހުދާން ފަހުމީ އެވެ.
މުބާރާތުގެ އިވެންޓްތައް ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު އިންޑިއާގަޑިން 3:0 ޖަހާއިރު އެވެ.
މުބާރާތުގައި ރާއްޖެއިން ވާދަކުރާ އެތުލީޓުންނަކީ އޭޝިއަން ޔޫތު ގޭމްސްގެ ސެމީފައިނަލްގައި ވާދަކޮށް އޭޝިއާގެ 200 މީޓަރު ދުވުމުގެ ގަދަ 16 އެތުލީޓުންގެ ތެރޭގައި ހިމެނިފައިވާ އައްޑޫ ސިޓީ ޝަރަފުއްދީން ސްކޫލްގެ ހުސައިން ޝަހުދާން ފަހުމީ އާއި ގައުމީ ކަސްރަތު މުބާރާތާއި މަކީޓާ ޖޫނިއާ ޗެމްޕިއަންޝިޕާއި އެޓޯލް އިންޓަ ސްކޫލް އަދި މައިލޯ އިންޓަ ސްކޫލްގައި ވާދަކުރި ކަލާފާން ސްކޫލްގެ ހުސައިން ނަވާފް ރައޫފް އާއި މައިލޯ އިންޓަ ސްކޫލްގައި ވާދަކުރި އައްޑޫ ހައި ސްކޫލްގެ އަލީ ނާއިމް ހުސައިން އާއި މަކީޓާ ޖޫނިއާ ޗެމްޕިއަންޝިޕާއި އެޓޯލް އިންޓަ ސްކޫލް އާއި އަދި މައިލޯ އިންޓަ ސްކޫލްގައި ވާދަކުރި ޝަރަފުއްދީން ސްކޫލްގެ އިބްރާހީމް އަމީން ހަސަން ދީދީ އަދި އެޓޯލް އިންޓަރ ސްކޫލް އަދި މައިލޯ އިންޓަ ސްކޫލްގައި ވާދަކުރި ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލް ހުސައިން ރިޒާއެވެ.
މުބާރާތުގައި ރާއްޖެއިން މިއަދު ވާދަކުރާނީ ފިރިހެން 400 މީޓަރު ދުވުމުގަ އާއި ފިރިހެން 100 މީޓަރު ދުވުމުގައެވެ.
ރާއްޖޭ ގަޑިން މެންދުރު 2.45ގައި ފަށާ ފިރިހެން 400 މީޓަރު ދުވުމުގެ ފުރަތަމަ ހީޓްގައި ވާދަކުރާނީ ޖަލާލުއްދީން ސްކޫލްގެ ހުސައިން ރިޒާ އެވެ. އަދި ރާއްޖެ ގަޑިން 3.15ގައި ފަށަން ހަމަޖެހިފައިވާ ފިރިހެން 100 މީޓަރު ދުވުމުގެ ފުރަތަމަ ހީޓްގައި ވާދަކުރާނީ ޝަރަފުއްދީން ސްކޫލްގެ އިބްރާހީމް ހަސަން ދީދީ އެވެ. އަދި 100 މީތަރު ދުވުމުގެ ދެވަނަ ހީޓްގައި ވާދަކުރާނީ އައްޑޫ ހައި ސްކޫލްގެ އަލީ ނާއީމް ހުސައިން އެވެ.
ސްރީލަންކާގެ ކޮލަމްބޯގައި 2007 ވަނަ އަހަރު ބޭއްވި ފުރަތަމަ ސާފް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ އަންހެން އަދި ފިރިހެން ޖޫނިއާ ޓީމް ވަނީ އަންހެން އަދި ފިރިހެން 100 މީޓަރު ރިލޭ އާއި 400 މީޓަރު ރިލޭގައި ވާދަކޮށް ބްރޯންޒް މެޑަލް ހޯދާފަ އެވެ.