ގައުމީގެ ޕާޓީގެ ރައީސް ކަމަށް އިމާދު ސޯލިހު އެ ޕާޓީގެ ކައުންސިލުން އައްޔަން ކުރައްވައިފި އެވެ.

ގައުމީ ޕާޓީގެ ނައިބު ރައީސް ކަމުގެ މަގާމުގައި ކުރިން ހުންނެވި އިމާދު ސޯލިހު ސަން އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އޭނާ ޕާޓީގެ ރައީސް ކަމަށް އައްޔަން ކޮށްފައި ވަނީ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ކައުންސިލް މެންބަރުންގެ އިއްތިފާގުން ކަމަށެވެ. އަދި އެ ޕާޓީގެ އަސާސީ ގަވައިދު ތަންދެނީ ޕާޓީގެ ރައީސް ކަމުގެ މަގާމު ނުވަތަ ޕާޓީގެ ނައިބު ރައީސް ކަމުގެ މަގާމު ހުސްވެއްޖެ ނަމަ ޕާޓީގެ ކައުންސިލުން އެ މަގާމަށް މެންބަރަކު އައްޔަން ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އިމާދު ސޯލިހު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ގައުމީ ޕާޓީން ތާއިދުކުރާނެ ބައެއް ނިންމުމަށް މަޝްވަރާކުރަމުންދާ ކަމަށެވެ. އެގޮތުން ޕީޕީއެމްއާ އެކު މިއަދު ގައުމީ ޕާޓީން މަޝްވަރާކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގައުމީ ޕާޓީގެ ރައީސް ކަމުގެ މަގާމު ހުސްވެފައި ވަނީ އެ ޕާޓީ އުފެއްދެވި ޑރ. ހަސަން ސައީދު އެ މާގާމުން އިސްތިއުފާ ދެއްވުމުންނެވެ. ޑރ. ހަސަން ސައީދު ވަނީ ސިޔާސީ ދާއިރާއާ ދުރަށް ޖެހިވަޑައިގެންނަވަން ނިންމަވާފައިވާކަން އިއުލާން ކުރައްވާފަ އެވެ.