ވެނެޒުއެލާގައި އިލެކްޓްރޯނިކް ސާމާނުގެ ވިޔަފާރި ކުރާ ފިހާރަ ޗެއިނެއް ކަމަށްވާ ޑާކާގެ ފިހާރަތަކުން ތަކެތި ވިއްކާ އަގު މާ ބޮޑު ކޮށް، އަދި ދުވަހުން ދުވަހަށް އަގުތައް މަތި ކުރަމުން ދާތީ، އެ ގައުމުގެ ސިފައިން އެ ޗެއިނުގެ ފަސް ފިހާރައަކަށް ވަދެ، ތަނުގެ އިސް ވެރީން ހައްޔަރުކޮށް، އަގުތައް ތިރިކުރާން މަޖުބޫރު ކޮށްފި އެވެ.

ރައީސް ނިކޮލަސް މެޑޫރޯގެ ސަރުކާރުން ބުނެފައި ވަނީ، މި ފިޔަވަޅަކީ އިންސާފެއް ހަމައެއް ނެތް ގޮތުގައި ތަކެތީގެ އަގުތައް ބޮޑުކޮށް، ވެނެޒުއެލާގެ ރައްޔިތުން ހަފުސް ކުރުމަށް، ދަހިވެތިކަމުގައި ހައްދުފަހަނައަޅައިފައި ތިބޭ ރައުސުމާލީ "ސޫފިތައް"ހިންގާ ޖަރީމާތަކާ އިދިކޮޅަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.

ސަރުކާރުން ވަނީ ތަކެތީގެ އަގުތައް ތިރި ކުރުމަށާއި، އަހަރު ނިމުމުގެ ކުރީން އެކަން ނުކޮށްފި ނަމަ، ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާނޭ ކަމަށް އެތައް މަހެއް ކުރީއްސުރެ ތަކުރާރުކޮށް އިންޒާރު ދީފަ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ގައުމާ މުޚާތަބު ކުރައްވައި ޓީވީން ދެއްވި ޚިތާބެއްގައި، ރައީސް މެޑޫރޯ ވިދާޅުވެފައި ވަނީ ޑާކާ ފިހާރަތަކާ ދެކޮޅަށް އެޅުނު ފިޔަވަޅަކީ، ކެޕިޓަލިސްޓް އެމެރިކާގެ ތާއީދާއި މަދަދާ އެކު، ވެނެޒުއެލާގައި ހަރަކާތްތެރިވާ މުއްސަނދި ރައުސުމާލީން އޭނާ އާ ދެކޮޅަށް، އަދި ވެނެޒުއެލާގެ އާދައިގެ ރައްޔިތުންގެ މުއްސަނދިކަމުން އަމިއްލަ ޖީބުތައް ފުރައިލާން ކުރާ ހަނގުރާމައާ ދެކޮޅަށް ހިންގޭ ފުޅާ ދާއިރާއެއްގެ ހަރަކާތްތަކުގެ ފެށުން ކަމަށެވެ. މި ފިޔަވަޅުތައް މުޅި ގައުމުގެ ކަންކޮޅުތަކުގައި އެޅޭނެ ކަމަށާއި ދަހި ރައުސުމާލީންނަށް ދެން ރައްޔިތުން ފެލައިގެން ނުއުޅެވޭނޭ ކަމަށް މެޑޫރޯ ވިދާޅުވި އެވެ.

ސިފައިން ވަދެ ޑާކާ ޗެއިނުގެ ފިހާރަތައް ބަންދު ކުރުމުގެ ތެރޭގައި، ގައުމުގެ މެދުތެރޭގެ ޝަހަރެއް ކަމަށްވާ ވެލެންސިއާގައި ހުންނަ ފިހާރައަށް ލުޓޭރުން ވަދެ، އެތަނުން ބައެއް ތަކެތި ފޭރިގެންފައިވެ އެވެ.

ރައީސް މެޑޫރޯ ވަނީ ޑާކާގެ ފިހާރަތައް ބަންދު ކުރުމުގެ ސަބަބުން، ވެލެންސިއާ ގައި ހިނގި ލޫޓުވުމުގެ ހާދިސާ އަކީ އިސްތިސްނާ ހާދިސާއެއް ކަމަށެވެ. އެ ހާދިސާ ކުށްވެރި ކުރެއްވުމަށް ފަހު، މެޑޫރޯ ވިދާލުވެފައި ވަނީ ހަގީގީ މުޖުރިމުންނަކީ ތަކެތީގެ އަގުތައް އެކަށީގެން ނުވާ މިންވަރަށް ބޮޑުކޮށް، ރައްޔިތުން ފެލަމުންދާ ވިޔަފާރިވެރީން ކަމަށެވެ.

ބައެއް ތަކެތި، ބާޒާރުގައި ވިއްކަމުން ދަނީ 1000 އިންސައްތަ ފައިދާއާ އެކުގައި ކަމަށް ވިދާޅުވެ، މެޑޫރާ ވަނީ "ވެނެޒުއެލާ ލޫޓުވަމުންދާ ބަޔަކީ ދަހި ރައުސުމާލީ ވިޔަފާރިވެރި ސޫފިތައް،" ކަމަށް ވިދާޅުވެފަ އެވެ.

"އަހަރެމެން ކުރިޔަށް މިއޮތް ދުވަސްކޮޅުގެ ތެރޭގައި މުޅި ގައުމުގައި އަތްފުނާ އަޅާނަން. ރައްޔިތުން ފޭރުމަށް މި ހިންގޭ ކަންތައްތައް ޖެހޭނީ ހުއްޓެން." މެޑޫރާ ވިދާޅުވިއެވެ.

މެޑޫރާގެ ޚިތާބުގައި އެތައް މުދަލެއްގެ އަގު ހުރި މިންވަރާ މެދު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އެގޮތުން، ދޮންނަ މެޝިނެއް ސޭލް އަގުގައި ގަންނަން ލިބެނީ 54000 ބޮލިވަރޒް އަށް ކަން ފާހަގަ ކުރެއްވި އެވެ. އެއީ 8571 އެމެރިކާ ޑޮލަރެވެ. ވެނެޒުއެލާގެ ބޮލިވަރޒްގެ އަގު ހުރީ އެމެރިކާ ޑޮލަރަކަށް 6.3 ބޮލިވަރޒްގެ ރޭޓުގަ އެވެ.

ސަރުކާރުގެ ނިންމުމާ ގުޅިގެން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ހިތްހަމަޖެހިފަ އެވެ.

"އިންފްލޭޝަންގެ ސަބަބުން އަހަރެމެން ރައްޔިތުން މިތިބަ ހަނާ ވަނީ. އަހަންނަކަށް ނޭނގެ މިއީ ކަމެއް މި މައްސަލަ ހައްލު ކުރާން ޖެހޭ ގޮތަކީ، އެކަމަކު އަހަންނަށް އެނގޭ ކަމަކީ ކޮންމެވެސް ކަމެއް ކުރާން އެބަ ޖެހޭކަން. އަހަންނަށް ގަބޫލު ކުރެވޭ ގޮތުގައި، ވިޔަފާރިވެރިން، އިންސާފުވެރި އަގުތަކެއްގައި ތަކެތި ވިއްކާން މަޖުބޫރު ކުރުވުމަކީ ރަނގަޅު ގޮތް." އުމުރުން 37 އަހަރުގެ ކާރލޯސް ރޭންގެލް ރޮއިޓަރޒްގެ މުރާސިލަކާ ވާހަކަ ދައްކަމުން ބުނެފައިވެ އެވެ.

ވެނެޒުއެލާގައި އިންފްލޭޝަން ރޭޓު މިހާރު ހުރީ 54 އިންސައްތައިގައެވެ. މިއީ 1999 ވަނަ އަހަރުގެ ފަހުން އިންފްލޭޝަން އުފުލުނު އެންމެ މަތީ މިންވަރެވެ. ސަރުކާރަށް ފާޑު ކިޔާ ފަރާތްތަކުން ބުނަމުން ގެންދަނީ، ތަކެތީގެ އަގުތައް މައްޗަށް އުފުލެނީ ސަރުކާރަށް އިޤުތިޞާދު ރަނގަޅަށް ނުހިންގޭތީ ކަމަށާއި، އެއީ ވިޔަފާރިވެރީންގެ ގޯހަކުން ވާ ކަމެއް ނޫން ކަމަށެވެ.