11 Nov 2013, 10:19
ތެހެރާން (ނޮވެމްބަރު 11): ޔޫރޭނިޔަމް ފައްކާކުރުން ހުއްޓާލުމަށް އެއްބަސްވުމަކީ އީރާން ކުރާނެ ކަމެއް ނޫން ކަމަށާއި މިއީ އެއްވެސް ސަބަބަކާ ގުޅިގެން އީރާން ހުރަސް ނުކުރާނެ ރަތް ރޮނގެއް ކަމަށް އެގައުމުގެ ރައީސް ޑރ. ޙަސަން ރޫޙާނީ ވިދާޅުވެއްޖެ އެވެ.
އީރާނުގެ ނިއުކްލިޔާ މައްސަލައާ ބެހޭ ގޮތުން ޖެނީވާގައި ކުރިޔަށް ދިޔަ ވާހަކަތައް ނާކިޔާބު ވުމަށް ފަހު ދެއްވި ބަޔާނެއްގައި އީރާނުގެ ރައީސް ވިދާޅުވެފައި ވަނީ ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްގަކީ އެހެން ގައުމުތަކަށް ވެސް ލިބިފައިވާ ހައްގަކަށްވާ އިރު މިހައްގު ދޫކޮށްލުމަށް އީރާނަށް މަޖްބޫރު ނުކުރެވޭނެ ކަމަށާ މިކަމާ ގުޅިގެން އަޅާ ކޮންމެ ފިޔަވަޅަކާ އީރާންކުރިމަތިލާނެކަމުގަ އެވެ. ނަމަވެސް އީރާނުން ފައްކާކުރާ ޔޫރޭނިޔަމް ޢަސްކަރީ ކަންކަމަށް ބޭނުންނުކުރާނެ ކަމުގެ ގެރެންޓީ ދިނުންފަދަ އަދި ޔޫރޭނިޔަމް ފައްކާކުރާމިންވަރު ވަކި މިންވަރެއްގައި ހިފެހެއްޓުން ފަދަ ކަންތައްތަކަށް އެއްބަސްވެވިދާނެ ކަމަށް އީރާނުގެ ރައީސް ވިދާޅުވި އެވެ.
ޖެނީވާގެ ވާހަކަތައް ނާކާމިޔާބު ވުމަށް ފަހު ދެއްވި ބަޔާނެއްގައި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވިދާޅުވެފައި ވަނީ ޖެނީވާގެ ބައްދަލުވުމުގައި ކުރިއެރުންތަކެއް ލިބިފައިވާކަމަށާ އަދި އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމާ މެދު އުފެދިފައިވާ ޝައްކުތައް ފިލުވާލުމުގައި އީރާނާއި ހުޅަނގު ކުރިޔަށްވުރެ ބޮޑަށް ގާތްވެފައިވާކަމުގަ އެވެ. ނަމަވެސް އީރާނުގެ ނިއުކްލިޔާ މައްސަލާގައި އެމެރިކާ އޮންނާނީ އަބަދުވެސް ސީރިޔަސް ޙާލަތުގައި ކަމަށާ އެމެރިކާ އަކީ މޮޔަ ގައުމެއް ނޫން ކަމަށް ވިދާޅުވެ އެއްބަސްވުމަކާ ހަމައަށް ނާދެވޭތީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އަދި ލުއިދެވެންނެތް ކަމަށް ކެރީ ވަނީ ވިދާޅުވެފަ އެވެ.
އީރާނުގެ ނިއުކްލިޔާ މައްސަލާގައި ހުޅަނގުގެ ބާރުތަކާއި އީރާނާ ދެމެދު ޖެނީވާގައި އިއްޔެ ނިމުނު ވާހަކަތަކުގެ އަމާޒަކަށް ވެފައިއޮތީ ނިއުކްލިޔާ ޕްރޮގްރާމާ ބެހޭ މައިގަނޑުކަންކަމުގައި އީރާނުން ބައެއް ދޫތައް ދިނުމުން އީރާނާދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ބައެއް ފިޔަވަޅުތައް އުވާލުމަށް މަގުފަހި ކުރުމާއި ދެފަރާތުގެ ދެމެދުގައި އިތުބާރު ގާއިމް ކުރުމެވެ.
ނިއުކްލިޔާ މައްސަލާގައި އީރާނާއި ހުޅަނގާ ދެމެދު އެއްބަސް ވުމަކަށް އައުމަކީ އިސްރާއީލަށް ނުރައްކާތެރިކަމެއް ކަމަށް މިކަމުގެ ސަބަބުން ނިއުކްލިޔަރ ހަތިޔާރު އުފައްދަން އީރާނަށް ފުރްސަތު ލިބޭނެކަމަށް މެދުއިރުމަތީގައި ނިއުކްލިޔާ ހަތިޔާރު އުފައްދާފައިވާ ހަމައެކަނި ގައުމުކަމަށްވާ އިސްރާއީލު ދެކެ އެވެ.
އިސްރާއީލުންވަނީ ނިއުކްލިޔާ މައްސަލާގައި އީރާނާއި ހުޅަނގުން އެއްބަސްވުމަކާ ހަމައަށް ގޮސްފާނެތީ ކަންބޮޑުވާކަން ހާމަކޮށް މިކަމާދެކޮޅަށް މަސައްކަތްކުރަމުން ގެންދާކަން ހާމަކޮށްފަ އެވެ. މިގޮތުން ޖެނީވާގެ ވާހަކަތައް ނާކާމިޔާބުވުމާއި މިވާހަކަތަކަށް ފަހު އެމެރިކާގެ ޚާރިޖީ ވަޒީރުގެ ވާހަކަތަކުގެ ރާގަށް އައިސްފައިވާ ހަރުކަށި ކަމަކީ އިސްރާއީލުގެ ފިއްތުންތަކާ ގުޅިފައިވާ ކަމެއް ކަމަށް މުރާސިލުންވަނީ ސިފަކުރައްވާފަ އެވެ.
އަނެއްކޮޅުން އީރާނުގެ ނިއުކްލިޔާ މައްސަލައާ ބެހޭ ގޮތުން އެގައުމުގެ މަސްއޫލުވެރިންނާ މަޝްވަރާ ކުރެއްވުމަށް ޓަކައި ނިއުކްލިޔާ ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އިދާރާ (އައިއޭއީއޭ)ގެ ވެރިޔާ ޔުކިޔާ އަމާނޯ އިއްޔެ ވަނީ އީރާނުގެ ވެރިރަށް ތެހެރާނަށް ވަޑައިގެންފަ އެވެ. ތެހެރާންގައި ދެއްވި ބަޔާނެއްގައި އަމާނޯ ވިދާޅުވީ ނިއުކްލިޔަރ މައްސަލައާބެހޭގޮތުން އީރާނުގެ މަސްއޫލުވެރިންނާ އެކު ކުރެއްވުމަށް ހަމަޖެހިފައިވާ ވާހަކަތަކަކީ ނަތީޖާ ނެރެވޭ ފަދަ ބިނާކުރަނިވި ވާހަކަތަކަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގަ އެވެ.
އަމާނޯ، އީރާނުގެ މަސްއޫލުވެރިންނާ ކުރައްވާ މަޝްވަރާތަކުގެ ބޭނުމަކީ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމަކީ ސުލްޙަވެރި ޕްރޮގްރާމެއްކަން ކަށަވަރުކުރުމަށް ޓަކައި ޙައްލުކުރަންޖެހޭ މައްސަލަތައް ހައްލުކޮށް ނަތީޖާއެއް ނެރެވޭތޯ ބެލުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ. (ނޫސްއެޖެންސީތައް)