ހަނޯއި (ނޮވެމްބަރު 11): އިރުމަތީ އޭޝިޔާ ޞަރަހައްދުގައި ދަތުރު ކުރަމުންދާ ބާރުގަދަ ޠޫފާން "ހައިޔާން" ވިއެޓްނާމުގެ އުތުރުގެ ސަރަހައްދުތަކަށް މިއަދު ހެނދުނު އަރަންފަށައިފި ކަމަށް ޚަބަރު ލިބިއްޖެ އެވެ.

ވިއެޓްނާމުގެ މަސްއޫލުވެރިންނާ ޙަވާލާދީ ޚަބަރުފަތުރާ ވަސީލަތްތައް ބުނާގޮތުން "ހައިޔާން" ވިއެޓްނާމަށް އަރަމުންދަނީ ބޯވިއްސާރައާ އެކު ގަޑިއަކު 175 ކިލޯ މީޓަރުގެ ގަދަ ވަޔާއެކުގަ އެވެ. "ހައިޔާން" ވިއެޓްނާމަށް އަރާފައިމި ވަނީ އެތޫފާން ފިލިޕީންސަށް އަރައި ބޮޑެތި ގެއްލުންތަކެއް ދިނުމަށްފަހުގަ އެވެ. މިތޫފާންގެ ސަބަބުން ވިއެޓްނާމުގެ އުތުރުގެ ބައެއް ސަރަހައްދުތަކުގައިވަނީ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކެއް ހިނގާފަ އެވެ. ޠޫފާން "ހައިޔާން" އަކީ ދުނިޔޭގައި މިފަހަކަށް އައިސް އުފެދުނު އެންމެ ބާރުގަދަ ތޫފާން ކަމަށް މޫސުމާބެހޭ ތަޖްރިބާކާރުން ވަނީ ސިފަ ކުރައްވާފަ އެވެ.
"ހައިޔާން"ގެ ސަބަބުން ފިލިޕީންސްގައި މަރުވި މީހުންގެ އަދަދު 10 ހާހާ ގާތްކުރާ ކަމަށް އެގައުމުން ބުނެފައިވާ އިރު އެތޫފާންގައި ގެއްލުނު މީހުންގެ ތެރެއިން ގިނަބަޔަކު އަދި މިހާތަނަށް ފެނިފައެއް ނުވެ އެވެ. މީގެއިތުރުން އެތޫފާންގެ ސަބަބުން ގެދޮރު ގެއްލި ހާލުގައި ޖެހުނު މީހުންގެ އަދަދު މިލިޔަނަކަށްވުރެ މަތީގައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
"ހައިޔާން" ތޫފާން އެރި ފިލިޕީންސްގެ މެދުތެރޭ ސަރަހައްދުތަކުގެ ގިނަ އިމާރާތްތަކެއް ހަލާކުވެ ފެންބޮޑުވެ އަދި ބިންގަނޑު ކަނޑައިގެން ދިއުމުގެ އެތަށް ޙާދިސާތަކެއް ވަނީ ހިނގާފަ އެވެ. އަދި އެތައް ސަރަޙައްދަކުން މުވާސަލާތީ ޚިދްމަތްތަކާއި ކަރަންޓްގެ ޚިދްމަތްތަކާއި ދަތުރުފަތުރުގެ ޚިދްމަތްތައް ކެނޑިފައިވާއިރު "ހައިޔާން"ގެ ސަބަބުން ގައުމުގެ ބޮޑުސަރަހައްދެއް ވީރާނާވެފައިވާ ކަމަށާ ތޫފާނެއްގެ ސަބަބުން މިފަދަ ބޮޑު ގެއްލުމެއް ތާރީޚުގައިވެސް ފިލިޕީންސަށް ލިބިފައިނުވާ ކަމަށް އެގައުމުން ވަނީ ބުނެފަ އެވެ.

"ހައިޔާން"ވިއެޓްނާމަށް އަރަމުންދާ އިރު އެތޫފާނުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށްޓަކައި ވިއެޓްނާމުގެ 11 ޕްރޮވިންސަކުން ހަ ލައްކަ އަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމުގެ މަސައްކަތް ކޮށްފައިވާކަން އެގައުމުންވަނީ ހާމަކޮށްފަ އެވެ. މިހާތަނަށް ލިބިފައިވާ ރިޕޯޓްތައް ބުނާގޮތުން "ހައިޔާން"ގެ ބާރު ވަނީ ކުރިއާއަޅާބަލާ އިރު ވަރަށްބޮޑުތަން ކުޑަވެފަ އެވެ. ވިއެޓްނާމަށް އެރިއިރު އެތޫފާންގެ ވައި ވަނީ ގަޑިއަކު 350 ކިލޯ މީޓަރުން ގަޑިއަކު 175 ކިލޯމީޓަރަށް ކުޑަވެފައި ކަމަށް ވިއެޓްނާމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެ އެވެ. ޗައިނާގެ ބައެއް ސަރަހައްދުތަކުގައި ވެސް ވަނީ "ހައިޔާން" އަރާފާނެ ކަމުގެ އިންޒާރު ދީފަ އެވެ. (ނޫސްއެޖެންސީތައް)