އާސެނަލްގެ ކުރީގެ ފޯވާޑް ރޮބިން ވެންޕާސީ ޖަހައިދިން ލަނޑުން މެންޗެސްޓާ ޔުނައިޓެޑް 1-0 އިން އާސެނަލްގެ މައްޗަށް ކުރިހޯދައިފި އެވެ.

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު ފޯރިގަދަ މެޗުގައި އާސެނަލް ކޮޅަށް ވެން ޕާސީ ލަނޑު ޖަހައި ޔުނައިޓެޑަށް ކުރިހޯދައިދިނީ މެޗުގެ 27 ވަނަ މިނިޓުގައި ވޭން ރޫނީ ނަގައިދިން ކޯނަރެއް ބޮލުންޖަހައި އާސެނަލްގެ ގޯލްތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

މެޗު ފެށުމުގެ ކުރިން އާސެނަލްގެ ކޯޗް އާސީން ވެންގާ ބުނެފައިވަނީ "ވެންޕާސީ އަކީ އަދިވެސް އާސެނަލްގެ ކުޅުންތެރިއެއް" ކަމަށެވެ. އެހެން ނަމަވެސް ވެންޕާސީ ވަނީ އާސެނަލް ކޮޅަށް ލަނޑު ޖެހުމަށްފަހު އެއްވެސް ހާސްކަމެއް ނެތި ޔުނައިޓެޑް ކުޅުންތެރިންނާއެކު އުފާފާޅުކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފްގައި ޔުނައިޓެޑް ކޮޅަށް އާސެނައަށް ރަނގަޅު ހަމަލާއެއް އުފެއްދިފައި ނުވި ނަމަވެސް ފަހުހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ އާސެނަލް އެވެ.

ނެދަލެންޑްސްގެ ހުނަރުވެރި ފޯވާޑް ވަނީ އާސެނަލްއާ ޔުނައިޓެޑް އެންމެ ފަހުން ކުރިމަތިލި ފަސް ފަހަރުވެސް ގޯލް ޖަހާފަ އެވެ. އެގޮތުން މިދިޔަ ސީޒަންގައި 24 މިލިޔަން ޕައުންޑަށް ޔުނައިޓެޑަށް ބަދަލުވުމުގެ ކުރިން އާސެނަލްއަށް ދެލަނޑު ކާމިޔާބުކޮށްދީފައިވާއިރު ޔުނައިޓެޑަށް ބަދަލުވި ފަހުން އެޓީމަށް ތިންލަނޑު އޭނާވަނީ ކާމިޔާބުކޮށްދީފަ އެވެ.

އާސެނަލްގެ މައްޗަށް ހޯދި ކާމިޔާބާއެކު ޖުމުލަ 20 ޕޮއިންޓް ހޯދައިގެން ޔުނައިޓެޑް ތާވަލްގެ ފަސްވަނައަށް ކުރިއަށް ޖެހިލާފައިވާއިރު މި ސީޒަންގައި އާސެނަލްއަށް އިދިކޮޅުޓީމެއްގެ ކޮޅަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ހަމަ އެކަނި ޓީމަކީ ޔުނައިޓެޑް އެވެ.

ޔުނައިޓެޑް އަތުން އާސެނަލް މި މެޗުން ބަލިވެފައިވާއިރު 2006 ވަނަ އަހަރުގެ ފަހުން އާސެނަލްއަށް އޯލްޑް ޓްރަފޮޑްގައި ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދިފައެއް ނުވެއެވެ.

މެޗަށްފަހު ވެންގާ ބުނީ، ފުރަތަމަ ހާފްގައި އޭނާގެ ކުޅުންތެރިން މާބޮޑަށް ހާސްވެފައި ތިބެ ކުޅުމުގެ ސަބަބުން މެޗުން ބަލިވީ ކަމަށެވެ.

"އަހަރެމެންގެ ކުޅުންތެރިން ފުރަތަމަ ހާފްގައި މާބޮޑަށް ހާސްވީ،" ވެންގާ ބުންޏެވެ. "މި ތަނުގައި އަހަރެމެން މޮޅުނުވާތާ ވަރަށް ގިނަ ދުވަސް ވެއްޖެ. އަދި މި މެޗަކީ ވަރުގަދަ މެޗެއް ކަމަށްވާއިރު ޔުނައިޓެޑް މޮޅުވީ ވެސް 'ސެޓްޕީސް' އަކުން ޖެހި ލަނޑަކުން."

މި މެޗުން ބަލިވި ނަމަވެސް ޕްރިމިއާ ލީގުގައި 25 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި އަދިވެސް އޮތީ އާސެނަލް އެވެ. ދެވަނައިގައި 23 ޕޮއިންޓާއެކު ލިވަޕޫލް އޮތްއިރު ތިން ވަނައިގައި 22 ޕޮއިންޓާއެކު އޮތީ ސައުހެމްޕްޓަން އެވެ. އަދި ހަތަރު ވަނައިގައި އޮތް ޗެލްސީއަށް ލިބިފައިވަނީ 21 ޕޮއިންޓެވެ.