11 Nov 2013, 01:41
ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގެ ރޫހާ ހިލާފަށް ވެރިކަމުގައި ދެމިހުންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ނިންމެވުމުން "ހިތާމަކުރައްވާ" ކަމަށް ކޮމަންވެލްތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެންވޯއި ޑޮނާލްޑް މެކިނަން ވިދާޅުވެއްޖެ އެވެ.
މެކިނަން ވިދާޅުވީ މިދަނޑިވަޅުގައި ރައްޔިތުންގެ ހިތް ނުތަނަވަސްވެ، ހިތްހަމަނުޖެހުންތައް ހުންނާނެ ކަން އެނގިވަޑައިގަތަސް، ހުރިހާ ދިވެހިންގެ މަސްލަހަތަށް ޓަކައި ހަމަޖެހުން ދަމަހައްޓަން ޖެހޭ ކަމަށެވެ.
"އދ. އަދި ކޮމަންވެލްތުން ދިޔައީ ރައީސް ވަހީދަށް ގާނޫނުގެ ތަރަހައިގެ ތެރެއިން މަސައްކަތް ކުރެއްވުމަށް ބާރު އަޅުއްވަމުން. ނަމަވެސް މިއީ ހީނުކުރާ ނިންމުމެއް ނޫން. ރައީސް ވަހީދުގެ ހިތާބުގައި ފާހަގަކުރެއްވި ހެން 16 ނޮވެމްބަރުގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވާ އާ ރައީސަކު އިންތިހާބުވެގެން ދާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން" ކޮމަންވެލްތުގެ އެންވޯއި މެކިނަން ނެރުއްވި ބަޔާނުގައިވެ އެވެ.