11 Nov 2013, 01:22
ވެރިކަން އެބައެއްގެ މައްޗަށް ކުރެވޭ ބައެއްގެ ރުހުން ނެތް އެއްވެސް ސަރުކާރަކީ ގާނޫނީ ސަރުކާރެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ސުޕްރީމް ކޯޓްގެ އަމުރަކަށް މިހާރު ދެމި ހުންނެވި، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، ކޯޓުގެ އަމުރާ އެއްގޮތަށް އަމަލުކުރައްވަން ނިންމެވުމުން ޝާހިދު މިރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ މިހާރު ރާއްޖޭގައި ގާނޫނީ ސަރުކާރެއް ނެތް ކަމަށެވެ.
"ވެރިކަން އެބައެއްގެ މައްޗަށް ކުރެވޭ ބައެއްގެ ރުހުން ނެތް ސަރުކާރަކީ ގާނޫނީ ސަރުކާރެއް ނޫން، 11/11/2013 އާ ހިސާބުން އަހަރެމެން [ދިވެހިންގެ]ގެ ގާނޫނީ ސަރުކާރެ ނެތް،" ޝާހިދުގެ ޓްވީޓްގައިވެ އެވެ.
ނޮވެމްބަރު 11 2008 ގައި ރާއްޖޭގައި އުފެދިފައިވާ ސަރުކާރުގެ ދައުރު ގާނޫނު އަސާސީގައިވާ ގޮތުގައި ނޮވެމްބަރު 10 ގެ ނިޔަލަށް ނިމުމަކަށް އައިސްފައިވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ރައީސް ވަހީދަށް ސިޓީއެއް ވެސް ފޮނުއްވައިފަ އެވެ.
ޝާހިދުގެ އެ ސިޓީފުޅުގައި ވިދާޅުވެފައި ވަނީ ރައީސުލް ޖުމްހޫރިއްޔާގެ މަގާމަކީ ފަސް އަހަރުގެ ދައުރެއް ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު ގާނޫނު އަސާސީއާ ހިލާފަށް އެ މަގާމުގެ މުއްދަތު އިތުރު ނުކުރެވޭނެ ކަމަށެވެ.
"ގާނޫނުއަސާސީގެ 107 ވަނަ މާއްދާގައި ބަޔާންކުރަނީ، ރައީސުލްޖުމްހޫރިއްޔާކަމުގެ ދައުރަކީ ފަސް އަހަރު ދުވަސްކަމަށެވެ. ގާނޫނުއަސާސީގެ 262 ވަނަ މާއްދާއަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާކަމުގެ ދައުރަށް އެއްވެސް ބަދަލެއް ގެނައުމަށްޓަކައި، ގާނޫނުއަސާސީގެ 107 ވަނަ މާއްދާ އިސްލާޙުކޮށް، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ އެއްވެސް ބިލެއް ރައީސުލްޖުމްހޫރިއްޔާއަށް ތަސްދީގުކުރެވެނީ، އެ އިސްލާޙު ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓެއްގައި، އެ އިސްލާހު ގެނައުމަށް، ވޯޓުދިން މީހުންގެ އަގުލަބިއްޔަތު ލިބިއްޖެނަމަ އެވެ،" ޝާހިދު ފޮނުއްވެވި ސިޓީފުޅާ ގުޅޭ ގޮތުން މަޖިލީހުން ބުންޏެވެ.
ޝާހިދު ވިދާޅުވެފައި ވަނީ އެފަދަ އިސްލާހެއް ގެނައުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓުގައި ވޯޓުދިން މީހުންގެ އަގުލަބިއްޔަތު ނުލިބިއްޖެނަމަ އެ ބިލެއް ބާތިލްވާނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު އެ ނޫން ގޮތަކަށް ރައީސުލްޖުމްހޫރިއްޔާގެ ދައުރު އިތުރު ނުކުރެވޭނެ ކަމަށެވެ.
ގާނޫނު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށްކުރާ ކޮންމެ ކަމަކީ ބާތިލް ކަމެއް ކަމުގައި ގާނޫނުއަސާސީގެ 268 ވަނަ މާއްދާއިން ވަރަށް ސާފުކޮށް އެނގޭ ކަމަށް ވެސް ޝާހިދުގެ ސިޓީފުޅުގައި ފާހަގަ ކުރައްވާފައިވެ އެވެ.
ޝާހިދު ވަނީ ރައީސަށް ފޮނުއްވި އެސިޓީފުޅުގައި ފާހަގަކުރައްވާފައިވާ ކަންކަން އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހުމަދު ފާއިޒް ހުސައިން އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާޖެނެރަލް އަހުމަދު ޝިޔާމްގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ސަމާލު ކަމަށް އެކަން ގެންނަވައިފަ އެވެ.