11 Nov 2013, 00:23
ރިޔާސީ އިންތިޙާބުގެ ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހު ބާއްވާނެ ކަމުގެ ޔަގީންކަން ކަމާ ބެހޭ ފަރާތްތަކުން ދެއްވާފައިވާތީވެ އެ ދުވަހަކާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުން މަތީ ދެމި ހުންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޓީވީއެމް މެދުވެރިކޮށް މިރޭ ގައުމާ މުހާތަބު ކުރައްވައި ރައީސް ވަހީދު ވިދާޅުވީ ފާއިތުވި 21 މަސް ދުވަހުގެ ތެރޭގައި އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާފައި ވާނީ ބައިބައިވުން ކުޑަކޮށް އެންމެން އެއްގަލަކަށް އެރުވުމަށް ކަމަށެވެ. އަދި އެކިއެކި ސިޔާސީ ވިސްނުމުގެ ބޭފުޅުންނާ އެކު ސެޕްޓެމްބަރު 7 އާ ހަމައަށް އެކަންތައް އެގޮތަށް ކުރެއްވުނީ ވަރަށް ބުރަ މަސައްކަތުން ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ މިހާރު މި ހިނގާ ރިޔާސީ ދައުރު މިރޭ 12:00 އަށް ހަމަވާނެތީ އާއި މި ހާހިސާބަށް ދާއިރު ވެސް ކަން ކުރާނެ ގޮތެއް ގާނޫނު އަސާސީގައި ބަޔާންކޮށްފައިނުވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގައުމު ދުސްތޫރީ ހުސްކަމެއްގެ ތެރެއަށް ދިއުމުގެ ބިރުވެރިކަން އޮތުމުންނާއި އެކަން ހައްލުކުރެވެން އޮތީ ގާނޫނު އަސާސީ އިސްލާހުކޮށްގެން ކަމުގައި ވާތީ އެ މައްސަލަ ހައްލު ކޮށްދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކަމަށެވެ.
"ގާނޫނު އަސާސީ ގިނަ ބައެއްގެ ރުހުމާ އެކު ނޫނީ އިސްލާހު ނުކުރެވޭ ގޮތަށް ކަނޑައަޅާފައި އޮތީ ވަކި ސަބަބަށް ޓަކައި. އެންމެން އެއްބަސްވާ ގޮތެއްގައި ހައްލެއް ހޯދައިދެވޭތޯ ހުރިހާ ކެންޑިޑޭޓުންނާ ވެސް އަޅުގަނޑު ވާނީ މަޝްވަރާކޮށްފައި. ނަމަވެސް އެކަމަށް އެންމެ އެދެވޭ ގޮތަކަށް ހައްލެއް ނުލިބުމުން އަދި ގާނޫނު އަސާސީގައި އެހެން ގޮތަކަށް ކަނޑައަޅައިފައި ނެތުމުން ގައުމު ދުސްތޫރީ ހުސްކަމަކަށް ދިއުމުގެ ބަދަލުގައި ސަރުކާރު ދެމި އޮންނާނެ ކަމުގައި ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފައި،" ރައީސް ވިދާޅުވި އެވެ.
ދިވެހިންގެ ގިނަ ބަޔަކާއި ބޭރުގެ ގައުމުތަކާއި ޖަމިއްޔާތަކުން ބާރު އަޅަނީ އެމަނިކުފާނު އިސްތިއުފާ ދެއްވުމަށް ފަހު ވަގުތީ ގޮތުން ސަރުކާރު ހިންގުމުގެ މަސްއޫލިއްޔަތު ރައްޔިތުންގެ މަޖިލީހުގެ ރައީސާ ހަވާލު ކުރުމަށް ކަމަށާއި އަނެއް ކޮޅުން އެއަށް ވުރެ ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ބާރުއަޅަނީ މިވަގުތު ގައުމު ދޫކޮށްނުލައްވައި ގައުމުގެ ހިންގުމާ ހަވާލުވެ ހުންނެވުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިއިން އެއްވެސް ނިންމުމަކީ އަޅުގަނޑަށް ފަސޭހަ ނިންމުމަކަށް ނުވާނެ. ކޮންމެ ގޮތަކަށް ކަން ކުރިއަސް ކުރިއަށް އޮތް ދުވަސްތަކަކީ ފަސޭހަ ދުވަސްތަކަކަށް ވެސް ނުވާނެ،"
އެހެން ކަމުން ވަރަށް ގިނަ ފަރާތްތަކަކާ މަޝްވަރާ ކުރެއްވުމަށް ފަހު މިމަހުގެ 16ގެ ނިޔަލަށް ރައިސުލްޖުމްހޫރިއްޔާގެ ވާޖިބުތައް އަދާކުރުން މަތީ ދެމި ހުންނެވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިމަހުގެ 16 ވަނަ ދުވަހު އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ވާޖިބުތައް އަދާކުރުމުގައި އަޅުގަނޑު ދެމިހުންނާނެ ކަމުގައި ތިޔަ ލޮބުވެތި ރައްޔިތުންނަށް ދަންނަވަން. އެކަމަކު 16 ވަނަ ދުވަހު އަޅުގަނޑު މަގާމު ދޫކޮށްލާނެ ކަމަށް ވެސް ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގައުމުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އެމަނިކުފާނުގެ ޒިންމާއަކަށް ވާނީ ގައުމުގެ އެންމެ އިސް މަސްލަހަތުތައް ހިމާޔަތްކުރުން ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާ ގުޅިގެން ހިނގާ އެންމެހާ ޝަރުއީ އަދި އެހެނިހެން މައްސަލަތަކުގައި ސަރުކާރުގެ އަމަލްކޮށްފައި ވާނީ އެވަގުތެއްގެ ހާލަތަކަށް ބަލައި އެފިޔަވަޅަކީ ގައުމާއި ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ދެކެވަޑައިގެން ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ. އަދި ކެންޑިޑޭޓުންނާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް އަމަންއަމާން ކަމާ އެކު ހަމަޖެހުމުގެ ތެރޭގައި އިންތިހާބެއް ބޭއްވުމަށް ޓަކައި އެމަނިކުފާނަށް ވެވަޑައިގެންނެވި މިންވަރަކުން މަސައްކަތް ކުރައްވާފައިވާ ކަމަށް ވަހީދު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕްރެސް ސެކްރެޓަރީ މަސްއޫދު އިމާދު މިރޭ ސަން އަށް ވިދާޅުވީ މާދަމައާ އަކީ ރަސްމީކޮށް ބަންދު ދުވަހެއް ކަމަށެވެ. އަދި މި މަހު 12، 13، 14 ވަނަ ދުވަހު ސަރުކާރުން ފޯރުކޮށްދޭނީ އަސާސީ ހިދުމަތްތައް އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި މާދަމައިން ފެށިގެން ރައީސުލްޖުމްހޫރިއްޔާ އާއި އެއްވެސް ވަޒީރަކު މުސާރައެއް ނުނަންގަވާނެ ކަމަށް ވެސް މަސްއޫދު ވިދާޅުވި އެވެ.
މަސްއޫދު ވިދާޅުވީ ރައީސް ވެރިކަމުގައި ހުންނަވަނީ ސުޕްރީމް ކޯޓުން ހުކުމް ކުރައްވާފައި ވާތީ ކަމަށާއި ރައީސް ވެރިކަމުގައި ހުންނަ ވާނީ އަންނަ ހޮނިހިރު ދުވަހު އިންތިހާބެއް ބާއްވައި ރައީސް އަކު އިންތިހާބު ކުރެވެންދެ ކަމަށެވެ.