10 Nov 2013, 22:02
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބްރިގޭޑިއާ ޖެނެރަލް އަހުމަދު ނިލާމު މިރޭ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި އެވެ. ޝަހީދު ހުސައިން އާދަމް ބިލްޑިއަށް މިރޭ އިރާކޮޅު ނިލާމް ހާޒިރު ކުރުމަށް ފަހު އެތަނުން އޭނާ ނުކުމެވަޑައިގެންނެވި ކަމެއް އަދި ނޭނގެ އެވެ. އޭނާ ހައްޔަރު ކުރިތޯ ސިފައިންނާ ސުވާލު ކުރުމުން ވެސް ސީދާ ޖަވާބެއް ނުދެއްވަ އެވެ.
ފުލުހުން ބުނީ ޖެނެރަލް ނިލާމު މިރޭ ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރި ކަމަށާއި އޭނާ ހާޒިރު ކުރީ ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް ކަމަށެވެ. ނަމަވެސް އެއީ ކޮންކަމަކާ ގުޅޭ މައްސަލައެއް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
"ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ނިލާމު މިރޭ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެމްއެންޑީއެފުން ވެސް ބުނީ ޖެނެރަލް ނިލާމު މިރޭ ފުލުހުންގެ އިދާރާ އަށް ހާޒިރުކުރުމަށް ފުލުހުން އެދުނު ކަމަށެވެ. އަދި ފުލުހުން އެގޮތަށް އެދުމުން މިރޭ 8.00 އެހާކަށް ހާއިރު އޭނާ ފުލުހުންގެ އިދާރާއަށް ވަޑައި ގެންނެވި ކަމަށް ވެސް ބުންޏެވެ.
"ފުލުހުން މިރޭ އެދުނު ނިލާމު ހާޒިރު ކޮށްދިނުމަށް، ދެން އަޅުގަނޑުމެން އެދުނިން ވަޑައިގަތުމަށް، އެހެންވެ މިރޭ 8.00 ހާއިރު ފުލުސް އޮފީހަށް ވަޑައިގެންނެވި،" އެމްއެންޑީއެފްގެ ތަރުޖަމާނު ކާނަލް އަބުދުއް ރަހީމު ވިދާޅުވި އެވެ.
ފެބްރުއަރީ 7، 2012ގައި ވެރިކަން ބަދަލުވުމާ ގުޅިގެން މަޖިލީހަށް ހިއްސާ ކުރި މައުލޫމާތުތަކަކާ ގުޅީގެން ސިފައިންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ ނިލާމް ސަސްސްޕެންޑްކޮށްފައި ވަނީ މިއަހަރު ޖެނުއަރީ މަހު އެވެ. އޮފީހަށް ނުކުމެވޭ ގޮތަށް ނިލާމް ސަސްޕެންޑް ކުރި ނަމަވެސް، އޭނާ ސަސްޕެންޝަންގައި ހުންނަވާތާ 11 މަސް ވެއްޖެ އެވެ.
އޭނާ ސަސްޕެންޑްކޮށްފައި ވަނީ އޮފީހަށް ނުކުމެވޭ ގޮތަށެވެ.
މެޖޯރިޓީ އޮންނަ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު ކޮމެޓީގައި ނިލާމް ވިދާޅުވެފައި ވަނީ ސިފައިންގެ ހަފްލާއެއްގެ ތެރޭގައި ކުރީގެ ރައީސް މުހަންމަދު ނަޝީދު އަވަހާރަކޮށްލަން ރާވަމުން ދިޔަ ކަމުގެ ޖާސޫސީ މައުލޫމާތު ލިބިވަޑަގެންފައިވާ ކަމަށެވެ. އަދި ވެރިކަން ބަދަލުވުމުގައި ދައުލަތާ ދެކޮޅަށް ސިފައިން ނުކުތުމުން ސިފައިންގެ ގާނޫނުގައި ބުނާ "ބަޣާވާތުގައި" ފުލުހުން ބައިވެރިވެފައިވާ ކަމަށެވެ.