10 Nov 2013, 21:40
ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް ހޮންކޮންގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް ޖެނެރަލް މިސްޓަ ބޮބް އެން ހަރިލެލާއަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަ މުހައްމަދު ވަހީދު ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހަރިލެލާ އަށް އެ ޝަރަފު އެރުވުމަށް ރައީސް ވަހީދު ނިންމެވީ ދިވެހި ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުކުރެއްވުމަށާއި ރާއްޖެ އަށް ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކޮށްދެއްވުމަށް ހަރިލެލާ ކުރެއްވި ގިނަގުނަ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ކަމަށެވެ.
ހޮންކޮންގައި ހުންނަވާ ދިވެހި ރާއްޖޭގެ އޮނަރަރީ ކޮންސުލްގެ މަގާމަށް މިސްޓަ ބޮބް ހަރިލެލާ 1993ވަނަ އަހަރު ހަމަޖެއްސެވީއްސުރެ، އޭނާ ގެންދަވަނީ ރާއްޖެއަށް، ވަކިން ޚާއްޞަކޮށް ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާ އިން، ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކުރެއްވުމަށް ޓަކައި އަމަލީ ގޮތުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ރައީސް އޮފީހުން ބުނީ، ހަރިލެލާ މިވަގުތު ހުންނެވީ ހޮންކޮންގައި ކަމަށްވުމާ އެކު، އެ އިއްޒަތް އޭނާ އަށް ރައީސް އޮފީހުން ހަވާލު ކުރައްވާނެ ކަމަށެވެ.