ކޮންމެ ފުލުހަކީ ވެސް ޖަވާބުދާރީ ވާން ޖެހޭ ފުލުހަކަށް ވާތީ ގާނޫނާއި ގަވާއިދުތައް ރަނގަޅަށް އެނގިގެން މަސައްކަތް ކުރުމަށް ކޮމިޝަނާ އޮފް ޕޮލިސް އަބުދުﷲ ރިޔާޒު އިލްތިމާސްކުރައްވައިފި އެވެ.

ޕޮލިސް މީޑިއާ މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި ރިޔާޒު ވިދާޅުވީ އިންތިޚާބުގެ ދުވަސްވަރަކީ ވަރަށް މުހިއްމު ދަނޑިވަޅެއް ކަމަށާއި މިދަނޑިވަޅުގައި ޚާއްސަ ގޮތެއްގައި ހުރިހާ ފުލުހުން ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ. ކޮންމެ ފުލުހަކީ ވެސް ޖަވާބުދާރީވާން ޖެހޭނެ ފުލުހަކަށް ވާތީ ޤާނޫނާއި ގަވާއިދުތައް ރަނގަޅަށް އެނގިގެން މަސައްކަތް ކުރުމަށް ކޮމިޝަނާ އިލްތިމާސްކުރެއްވި އެވެ.

ރިޔާޒް ވިދާޅުވީ ސިޔާސީ ގޮތުން ޚިޔާލު ތަފާތުވިނަމަވެސް ގިނަ ރައްޔިތުންނަކީ ގާނޫނާއި ގަވާއިދުތަކަށް ބޯލަނބާ ރައްޔިތުން ކަމަށާއި އެކަމުގެ ރީތި ނަމޫނާ ނިމިދިޔަ އިންތިޚާބުން ދިވެހިން ދައްކައިދީފައިވާ ކަމަށެވެ.

އިއްޔެ ބޭއްވި އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ދިވެހި ފުލުހުން ވަރަށް ރަނގަޅަށް ހަރަކާތްތެރިވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން ވެސް ފާހަގަކޮށްފައިވާކަން ފާހަގަކުރައްވާ ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ތާރީޚެއްގައި އިންތިޚާބުގެ ދެވަނަ ބުރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ވެސް ފުލުހުންގެ ފަރާތުން ދޭން ޖެހޭ އެހީތެރިކަމާއި އެއްބާރުލުންދޭނެ ކަމަށެވެ.

އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުން އަދާކުރަމުން ދިޔަ މަސައްކަތް ވަރަށް ގާތުން ބެއްލެވި ކަމަށް ވިދާޅުވެ ރިޔާޒު ވަނީ އިލެކްޝަން ސެކިއުރިޓީގައި ހަރަކާތްތެރިވި ހުރިހާ ފުލުހުންނަށާއި އޮޕަރޭޝަން ކޮމާންޑަރަށް ޝުކުރު އަދާކުރައްވާފަ އެވެ.

އަދި އިއްޔެ ބޭއްވި އިންތިޚާބުގައި ކާމިޔާބު ހޯއްދެވި ދެކެންޑިޑޭޓުންނަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ނަމުގައި ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.