އެއްވެސް ގައުމެއްގައި އިންތިގާލީ މަރުހަލާއެއް އަންނަ ނަމަ، އިންތިގާލީ ސަރުކާރެއް ގާއިމްކުރުމަކީ މުހިއްމު ކަމެއް ކަމަށް އދ. އިން ބުނެފި އެވެ.

އދ. ގެ އެސިސްޓަންޓް ސެކެޓްރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެފެއާޒް އޮސްކާ ފާނެންޑޭޒް ޓެރެންކޯ ނެރުއްވާފައިވާ ބަޔާނެއްގައި އދ. އިން ބުނެފައި ވަނީ 10 ނޮވެމްބަރުގައި ބާއްވަން ތާވަލުކުރެވިފައި އޮތް ރިޔާސީ އިންތިހާބު ލަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރުމުން އެކަމާ ކަންބޮޑުވާ ކަމަށެވެ.

އަދި ސިޔާސީ އިސް ފަރާތްތަކުގެ މެދުގައި އެއްބަސްވުމެއް ނެތް ހިނދެއްގައި މައްސަލަތަކުގެ ހައްލެއް ހޯދުމަށް ގާނޫނު އަސާސީ އަށް ބެލުމަށް ޓެރެންކޯ ގޮވާލައްވާފައިވެ އެވެ.

"ކޮންމެ އިންތިގާލީ މަރުހަލާއެއްގައި ވެސް އިންތިގާލީ ސަރުކާރެއް އޮތުމަކީ އެކަން ވާންޖެހޭނެ ގޮތް. ރާއްޖޭގައި 11 ނޮވެމްބަރަށް ފަހު ރައީސަކު އިންތިހާބުކުރެވެންދެން މިއަންނަ މުއްދަތަކީ މިފަދަ އިންތިގާލީ މަރުހަލާއެއް. އެ މަރުހަލާގައި ގައުމާއި ދައުލަތުގެ އިދާރީ ކަންކަން ހިންގުމަށް އިންތިގާލީ ސަރުކާރެއްގެ ބޭނުން ވަރަށް މުހިއްމު،" ޓެރެންކޯ ވިދާޅުވެފައިވެ އެވެ.