އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީ (ޖޭއެފްކޭ) އަވާހާރަކޮށްލި ކަމަށް ތުހުމަތުކުރެވޭ ލީ ހާވީ އޮސްވަލްޑް ވަޅުލާފައި އޮތް ސަންދޯއް ނީލަމުގައި ވިއްކާލާ ގޮތަށް ހަމަޖައްސައިފި އެވެ.


މިއީ ޖޭއެފްކޭ ހަށިކޮޅަށް ނޮވެމްބަރު 22، 1963 ގައި ބަޑިޖަހަން ވެގެން އޮސްވޯލްޑް ބޭނުންކުރި ކަމަށް ބެލެވޭ ކޮޓަރީގެ ލޫވަދޮރާއި އޭގެ ބިއްލޫރިގަނޑު ތިން މިލިއަން ޑޮލަރަށް އީބޭގައި 2007 ވިއްކާލި ފަހުން، އޮސްވޯލްޑާ ގުޅޭ މުހިންމު އެއްޗެއް ނީލަން ކިޔާ ފުރަތަމަ ފަހަރެވެ. 


އެމެރިކާގެ ގިނަ ރައްޔިތުންގެ ތާއީދު އޮތް ޖޯން އެފް ކެނެޑީ އަވަހާރަކޮށްލި އޮސްވޯލްޑް 20 އަހަރު ވަންދެން ވަޅުލާފައި އޮތް ސަންދޯކުގެ ނީލަން ފަށާ އަގަކީ 1000 ޑޮލަރު ކަމަށް އެކަން އިންތިޒާމް ކުރާ ފަރާތް ކަމުގައިވާ ނޭޓް ޑީ ސޭންޑާސް އޮކްޝަން ހައުސް އިން ބުނެފައިވެ އެވެ. ނަމަވެސް، ޖޭއެފްކޭ އަވާހަރަކޮށްލި ހާދިސާއާ ގުޅުން ހުރި އެއްޗެއްސަށް މީހުންގެ ބޮޑު ޝައުގުވެރިކަމެއް ހުންނަ ކަމަށާއި އަދި އޮސްވޯލްޑްގެ ސަންދޯއް އަގުބޮޑުކޮށް ވިކިގެންދާނެ ކަމަށް އެ ނީލަން އިންތިޒާމްކުރާ ފަރާތުން ބުނެ އެވެ.


އެ ސަންދޯއް މިލިއަނަކަށް ވުރެ ގިނަ ޑޮލަރަށް ވިކެނޭ ކަމަށް ވަނީ މީޑިއާތަކުން އަންދާޒާކޮށްފަ އެވެ.  ޖޭއެފްކޭގެ ހަށިކޮޅަށް ބަޑިޖަހައި އަވަހާރަކޮށްލިތާ، 24 ގަޑިއިރު ވެސް ނުވަނީސް، ޖޭއެފްކޭގެ ސަޕޯޓަރަކު އޮސްވަލްޑްގެ ގަޔަށް ބަޑި ޖަހައި މަރާލުމުން، އެއްވެސް ޝަރީއަތެއް ނުބާއްވައި، އޭނާ ވަޅުލީ ޓެކްސަސްގެ ގަބުރުސްތާނުގަ އެވެ. ނަމަވެސް، އެ ގަބުރުސްތާނުގައި ވަޅުލާފައިވާ ސަންދޯކުގައި އޮތީ އޮސްވަލްޑްގެ ހަށިގަނޑުކަން ކަށަވަރުކުރުމަށް އޭނާގެ އަންހެނުން ބޭނުންވީތީ، 20 އަހަރު ފަހުން ކޯޓުގެ ހުއްދަ ލިބިގެން އޮސްވޯލްޑްގެ ހަށިގަނޑު ވަނީ ސަންދޯކުން ނަގައިފަ އެވެ. އަދި އެ ސަންދޯކުގައި އޮތީ އޮސްވޯލްޑް ކަން ކަށަވަރުވުމުން އޭނާގެ ހަށިގަނޑު އަލުން އެއަށް ލައި، ވަޅުލުމުގެ ބަދަލުގައި އޭނާގެ ހަށިގަނޑު އަންދާލީ އެވެ.


ޖޭއެފްކޭ އަވަހާރަކޮށްލި ހާދިސާއަކީ އެމެރިކާގެ ތާރީޚުގައި އައި އެންމެ "ކަޅު" އެއް ދުވަސް ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ނަމަވެސް، ޖޭއެފްކޭ އަވަހާރަކޮށްލި ކަމަށް އޮސްވޯލްޑް އިއުތިރާފްވެފައި ނުވާތީ އާއި އަދި އެކަން ސާބިތުކުރުމަށް އެއްވެސް ޝަރީއަތެއް ބާއްވާފައި ނުވާތީ، ޖޭއެފްކޭގެ ހަށިކޮޅަށް ބަޑި ޖެހީ އޭނާ ނޫން ކަމަށް ބަޔެއް މީހުން ބުނެ އެވެ.