ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ޖުމްހޫރީ ޕާޓީން ނިންމައިފި އެވެ.

އެ ޕާޓީގެ ކައުންސިލް މެމްބަރަކު ދެންމެ ސަން އަށް ކަށަވަރުކޮށްދެއްވި ގޮތުގައި އެ ޕާޓީގެ ކައުންސިލުގެ ބޮޑު އަގުލަބިއްޔަތަކުން ނިންމާފައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކާ އެކު ކޯލިޝަން ނެހެދުމަށެވެ.

ޖުމްހޫރީ ޕާޓީ އިން މިގޮތަށް ނިންމާފައި މިވަނީ އިއްޔެ ބޭއްވުނު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއާ އެކު، ދުވަނަ ބުރު ޖާގަ ނުލިބުމާ ގުޅިގެން ނެވެ.

މިމަހުގެ 16 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ދެވަނަ ބުރުން ޖާގާ ހޯދާފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

މިދެކެންޑިޑޭޓުން ވެސް ވަނީ ގާސިމްގެ ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަނެއް ހަދަން ބޭނުންވާ ކަމުގެ އިޝާރާތެއް ކުރައްވާފަ އެވެ.

މިގޮތުން އިންތިހާބުގެ ނަތީޖާތައް އެނގެން ފެށި ހިސާބުން ޕީޕީއެމްއިން ދަނީ ޖުމްހޫރީ ޕާޓީއާ އެކު ވާހަކަތައް ބާއްވަމުން ކަމަށް އެޕާޓީ އިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވެސް ވިދާޅުވެފައި ވަނީ ދެވަނަ ބުރަށް ގާސިމާ އެކު މަޝްވަރާކުރުން މުހިއްމު ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ރަސްމީ ގޮތުން އަދި މިކަން ކަށަވަރުކޮށްދީފައި ނުވާ އިރު، މިރޭ އަށެއް ޖަހާ އިރު، އެ ޕާޓީގެ ނިންމީ ރަސްމީކޮށް ގާސިމް އިއުލާންކުރައްވާނެ ކަމަށް އެޕާޓީ އިން ބުނެ އެވެ.