10 Nov 2013, 16:55
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ތާއީދުކޮށް އެޕާޓީއާ އެކު މަސައްކަތް ކުރުމަށް އަދާލަތު ޕާޓީން ނިންމައިފި އެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ކޯލިޝަންގައި މަސައްކަތް ކުރި ދެވަނައަށް އެންމެ ބޮޑު ޕާޓީން މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި އެ ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވީ، އެޕާޓީގެ މި ނިންމުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކުރުމަށް އަދާލަތުގެ ކައުންސިލް މެންބަރުންގެ އިއްތިފާގުން ނިންމި ނިންމުމެއް ކަމަށެވެ.
"އަދާލަތުޕާޓީގެ މަޝްވަރާ މަޖިލީހުން މިހާރު ނިންމާފައި ވަނީ ގައުމުގެ އެންމެ މަތީ މަސްލަހަތު ކަމުގައިވާ ދީނާޢި ގައުމުގެ މިނިވަން ކަމާއި އިސްދިގުލާލަށް ޓަކައި މިއަދު އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހެނީ، ޕީޕީއެމްގެ ކެންޑިޑޭޓާ އެކުގައި ކަމަށް ވާތީވެ، އަދާލަތު ޕާޓީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އޮންރަބަލް އަބްދުﷲ ޔާމީން އަބްދުގައްޔޫމަށް ތާއީދުކޮށް، އެމަނިކުފާނާއި އެމަނިކުފާނުގެ ޕާޓީއާއި އަދި އެމަނިކުފާނުގެ ޓީމާ އެކު މި އިންތިހާބުގެ ދެވަނަ ބުރުގައި މަސައްކަތް ކުރުމަށް،" އިމްރާން ވިދާޅުވި އެވެ.
އިމްރާން އިތުރަށް ވިދާޅުވީ، އެޕާޓީން އެގޮތަށް ނިންމީ ޖުމްހޫރީ ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތަކުން ވެސް މަޝްވަރާކުރުމަށް ފަހު މިއަދު ގޮތް ނޫސްކޮންފަރެއްސެއްގަ އެވެ.
އެ ޕާޓީގެ ނިންމުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޕާޓީގެ ތަރުޖަމާން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިއަދު ގައުމަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުން ގައުމު ސަލާމަތްކޮށް ހަމަޖެހޭ ދައުލަތެއް އުފެއްދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އެހެން ކަމުން އަދާލަތު ޕާޓީއަށް ތާއީދުކުރައްވާ ހުރިހާ މެންބަރުން ވެސް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޔާމީނަށް ވޯޓު ދެއްވުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
"ގައުމަށް މިވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި. މިތަނަށް ބޭނުން ވަނީ، ހަމަޖެހޭ ވަރުގަދަ ސަރުކާރެއް ގާއިމްވެގެން ރައްޖޭގެ ގާނޫނީ ނިޒާމް ހަރުދަނާކޮށް، ދިވެހި ރާއްޖެ އަށް ސުލްހަމަސްލަހަތާއި ހެޔޮކަމާއި ފާގަތިކަން ގެނެސްދިނުން. މިކަމަށްޓަކައި އަޅުގަނޑުމެން ދިވެހި ރާއްޖޭގެ ހުރިހާ ރައްޔިތުން އެއްބައިވެގެން އެކުވެރިވެގެން މަސައްކަތްކުރަން ޖެހޭނެ،" ޝަހީމް ވިދާޅުވި އެވެ.
ޑރ. ޝަހީމް ވިދާޅުވީ، އެއްވެސް ޝަރުތަކާ ނުލައި ޕީޕީއެމްއާ އެކު މައްސަކަތްކުރުމަށް އަދާލަތު ޕާޓީން ނިންމީ، އެ ދެ ޕާޓީއަކީ ފިކުރީ ގޮތުންނާއި ވަޠަނީ ގޮތުން ވެސް އެކުގައި މަސައްކަތްކުރެވިދާނެ ފަދަ ދެ ޕާޓީ އަށް ވާތީ ކަމަށެވެ.
"މިއަދު އަޅުގަނޑުމެންނަށް ޕީޕީއެމްއާ އެކު މަސައްކަތްކުރެވިދާނޭ ކަމަށް ގަބޫލު ކުރެވޭ. ފިކުރީ ގޮތުންނާއި ވަޠަނީ ގޮތުން އަޅުގަނޑުމެން ދެބައިމީހުންގެ ފިކުރު ވަރަށް ގާތް. އަދި އަޅުގަނޑުމެންނަށް މަޝްވަރާކޮށްގެން ކަންކަން ހައްލުކުރެވޭނޭ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ،" ޑރ. ޝަހީމް ވިދާޅުވި އެވެ.
އަދާލަތުޕާޓީން އިތުރަށް ބުނީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި އަދި އެ ޕާޓީގެ އެންމެހައި މެންބަރުންނާއި، އަދި އެންމެހައި އިލްމުވެރިންނަށް "އަމާނާތްތެރިކަމާއެކުގައި އަޅުގަނޑުމެންގެ ގައުމަށްޓަކައި މަސައްކަތްކޮށްދެއްވުމަށް" އެ ޕާޓީން ގޮވާލާ ކަމަށެވެ.