ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވަޒަންވެރިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓްލާން އެދޭ މީހުން އަލުން ރަޖިސްޓްރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ.

އިސީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އަލުން ރަޖިސްޓްރީ ކުރުމަށް އެދި ފޯމް ހުށައެޅުމުގެ ފުރުސަތު މިއަދު މެންދުރު ފަހު 2.00 އިން ފެށިގެން މިރޭ 8.00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އަދި ހުށައަޅަން ޖެހޭ ފޯމް ރިޔާސީ އިންތިހާބު 2013ގެ މައިމަރުކަޒާއި ހުރިހާ ރަށެއްގެ ރަށުކައުންސިލްތަކުގެ އިދާރާތަކުންނާއި އައްޑޫ ސިޓީ ކައުންސިލްގެ ޑިޕާޓްމެންޓުން ލިބޭނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މިއަދު ބާއްވަން ކުރިން ނިންމާފައި އޮތް ނަމަވެސް ސުޕްރީމްކޯޓުން ރޭ ފަތިހު ސުޕްރީމްކޯޓުން ނެރުނު އަމުރަކާ ގުޅިގެން މިހާރު ދެވަނަ ބުރު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

އަލުން ރަޖިސްޓްރީ ކުރަން އީސީން މިހާ ކުޑަ ވަގުތުކޮޅެއް ދީފައިވާ އިރު ރަޖިސްޓްރީ ނުކުރެވުމުގެ ސަބަބުން އިއްޔެ ވެސް ގިނަ ބަޔަކަށް ވަނީ ވޯޓްނުލެވިފަ އެވެ.