10 Nov 2013, 16:44
ބްރަސަލްސް (ނޮވެމްބަރ 10): ޔޫރަޕްގެ އިއްތިޙާދުގެ ގައުމެއް ކަމަށްވާ ބެލްޖިޔަމްގައި ފަލަސްތީން ޑިޕްލޮމެޓިކް ގޮތުން ތަމްސީލްކުރާ މިންވަރު ދައުލަތެއްގެ ފެންވަރަށް މައްޗަށް ޖައްސައި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އެގައުމުގެ ސަރުކާރުން ނިންމައި އެކަން އިޢްލާންކޮށްފި އެވެ.
މިކަމާބެހޭ ގޮތުން ނެރުނު ބަޔާނެއްގައި ބެލްޖިޔަމްގެ ޚާރިޖީ ވުޒާރާ އިން ބުނީ އެގައުމުގެ ވެރިރަށް ބްރަސަލްސްގައި ހުންނަ ފަލަސްތީނުގެ ޑިޕްލޮމެޓިކް މިޝަން އެންބަސީގެ ފެންވަރަށް މަތިކޮށްއެގައުމުގައި ހުންނަވާ ފަލަސްތީނުގެ އިސް ޑިޕްލޮމޭޓަށް ސަފީރެއްގެ ދަރަޖަ ދިނުމަށް އެގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށާ މީގެފަހުން ޢަމަލުކުރަމުން ގެންދާނީ އެގޮތުގެ މަތިން ކަމުގަ އެވެ.
2012 ވަނަ އަހަރު އދ.ގެ ޖެނެރަލް އެސެމްބްލީގެ ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ވަނީ އދ.ގެ ފުރިހަމަ މެންބަރަކަށްނުވާ ދައުލަތެއްގެ ދަރަޖަ ފަލަސްތީނަށް ދިނުމަށް ނިންމާފަ އެވެ. އެނިންމުމަށް ތާއީދުކޮށް ވޯޓުދިން 170 އަށްވުރެ ގިނަ ގައުމުތަކުގެ ތެރޭގައި ބެލްޖިޔަމް ވެސް ހިމެނެ އެވެ. ބެލްޖިޔަމްގެ ޚާރިޖީ ވުޒާރާ އިން ބުނީ އދ. ން ދައުލަތެއްގެ ދަރަޖަ ފަލަސްތީނަށް ދިނުމާ އެކު ބްރަސަލްސްގައި ހުންނަ ފަލަސްތީނުގެ ޑިޕްލޮމެޓިކް މިޝަން އެންބަސީއަކަށް ބަދަލުކޮށް ފަލަސްތީނަކީ ދައުލަތެއް ކަމަށް ޑިޕްލޮމެޓިކް ގޮތުން ބަލައިގަތުމަށް އުސޫލެއްގެ ގޮތުން ނިންމާފައިވާ ކަމަށާ ނަމަވެސް އެކަން ތަންފީޒުނުކުރެވި ލަސްވެގެން ދިޔައީ ކަމުގަ އެވެ.
މިކަން ލަސްވެގެންދިޔައީ ފަލަސްތީނުގެ ސަރުކާރާއި ބެލްޖިޔަމްގެ ސަރުކާރާ ދެމެދު ފުރިހަމަކުރަން ޖެހޭ އިޖުރާއީ ކަންތައްތަކެއް ފުރިހަމަ ކުރުން ލަސްވެގެން ކަމަށް ވެސް ބެލްޖިޔަމްގެ ޚާރިޖީ ވުޒާރާ އިން ހާމަކޮށްފައިވެ އެވެ. ފަލަސްތީނަށް ދައުލަތެއްގެ ދަރަޖަ ދިނުމަށް ހުޅަނގުން ވެސް ދެކޮޅު ހަދަނީ އެމެރިކާއާއި ކެނެޑާ ފަދަ ޔަހޫދީ ހަރުކަށި ޒަޔަނިސްޓުންގެ ޖަމާއަތްތަކުގެ ނުފޫޒުގެ ދަށުގައިވާ މަދުގައުމަކުންނެވެ. (އަލްޖަޒީރާ)