10 Nov 2013, 16:23
ސިއްހީ ހިދުމަތުގެ ބޭނުމަށް ރާއްޖެ ގެންނަ މުދާ އަވަސް ގޮތެއްގައި ކްލިއާކުރެވޭނެ އުސޫލެއް ކަސްޓަމްސް އިން ކަނޑައަޅައިފި އެވެ.
ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަމަލު ކުރަންފެށި އުސޫލު އެކުލަވާލުމުގެ މަގުސަދަކީ ހެލްތު މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ ޑިޕާޓްމަންޓްތަކާއި ސިއްހީ ޚިދުމަތްދޭ ތަންތަނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމަށް ރާއްޖެ ގެންނަ މުދާ މިހާރަށް ވުރެ އަވަސް ގޮތެއްގައި ދޫކުރުން ކަމަށެވެ.
އެ އުސޫލުގައި ބަޔާންކުރާ ފަރާތްތަކުން ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި ގެންނަ މުދަލުގެ ލިޔެކިޔުންތައް ނިންމުމާއި ޑިއުޓީ ދެއްކުމުގެ މަރުހަލާ ފުރިހަމަކުރާނީ މުދާ ދޫކުރުމަށް ފަހު އެވެ. އެގޮތުން ދޫކުރާ މުދަލުގެ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް އެފަރާތްތަކަށް މުދާ ދޫކުރާ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.
އަދި އެ އުސޫލުގެ ދަށުން ދޫކުރާ މުދަލުގެ ޑިކްލަރޭޝަން ނިންމައި އެ މުދަލަށް ދައްކަން ޖެހޭނީ ޑިއުޓީ ގިނަވެގެން 30 ދުވަހުގެ ތެރޭ ދައްކަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ކަސްޓަމްސް ބުނީ އެ އުސޫލުގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ހަވާލުކޮށްގެން އަމިއްލަ ފަރާތްތަކުން ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމަށް ރާއްޖެ ގެންނަ މުދަލުގެ ޑިކްލަރޭޝަން ނިންމާ އެ މުދަލަށް ދައްކަން ޖެހޭ ޑިއުޓީ ގިނަވެގެން 48 ގަޑިިއިރުގެ ތެރޭގައި ކަސްޓަމްސަށް ދައްކަންޖެހޭނެ ކަމަށެވެ.