މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ، ހދ. ނޮޅިވަރަމު އޮފީހުގެ ކުރީގެ ކަތީބު އަލީ ރަޝިދު ހުސައިން އާއި ކުރިން ހދ. އަތޮޅުގެ އަތޮޅުވެރިޔަކަށް ހުންނެވި މުހައްމަދު ދީދީގެ މައްޗަށް ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ އަލީ ރަޝީދާއި މުހައްމަދު ދީދީގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް މައްސަލަ ފޮނުވީ، ހދ. ނޮޅިވަރަމުން އެރަށު އަބީރު ގުލްޝަންގޭ އާދަމް މޫސާއަށް ދީފައިވާ "މަގްސަދު"ކިޔާ ގޯއްޗަކީ ދިވެހިރާއްޖޭގެ ބިމާ ބެހޭ ގާނޫނާއި އަދި ގޯތި ދޫކުރުމުގެ އުސޫލުތަކާ ހިލާފަށް ގުރުއަތު ނުލައި ދޫކޮށްފައިވާ ގޯއްޗެއް ކަމަށް ވާތީ އެވެ.

އެ ކޮމިޝަނުން ބުނީ "ގޯތި ދޫކުރެވޭނީ އެފަހަރަކު ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބުމުގެ ޝަރުތު ފުރިހަމަވާ މީހުންގެ މެދުގައި ބޭއްވޭ ގުރުއަތަކުން ކަމަށް، ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވީ ހިނދު، ހަވާލާދީފައިވާ ގާނޫނާއި އެގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާ ހިލާފަށް ގުރުއަތަކާ ނުލައި އާދަމް މޫސާ (އަބީރުގުލްޝަން / ހދ. ނޮޅިވަރަމް) އަށް ގޯތި ދޫކޮށްފައިވާތީ" ހދ. ނޮޅިވަރަމުގެ އޭރުގެ ކަތީބު އަލީ ރަޝީދު ހުސައިންއާއި ހދ. އަތޮޅުގެ އޭރުގެ އަތޮޅުވެރިޔާ މުހައްމަދު ދީދީގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން ދައުވާކުރުމަށް ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ.

އެންޓި ކޮރަޕްޝަނުން ބުނީ އެ ކޮމިޝަނުން ކުރި ތަހްގީގުތަކުން ހާމަވެފައިވާގޮތުގައި 2005 ވަނަ އަހަރު ނޮޅިވަރަމުން ގޯތި ދޫކުރުމަށް ކުރި އިއުލާނާ ގުޅިގެން ގޯއްޗަށް އެދި ހުށަހަޅާފައިވާ އާދަމް މޫސާ އަކީ ގޯތި ލިބުމުގެ ޝަރުތު ހަމަވާ މީހެއް ކަމުގައިވީ ނަމަވެސް "މަގްސަދު" ގޯތި ކުރިން އެގޯތި ލިބުނު ފަރާތުން ދޫކޮށްލުމުން އާދަމް މޫސާ އަށް ހަމަޖައްސާދީފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނާ ހިލާފަށް ކަމަށެވެ.