10 Nov 2013, 16:08
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބާ ގުޅިގެން އެމެރިކާ ސަރުކާރުން ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނަށް ތައުރީފުކޮށްފި އެވެ.
އެމެރިކާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ ބޭއްވި އިންތިހާބު ކުރިއަށް ދިޔައީ ވަރަށް ސުލްހަވެރިކޮށް ކަމަށާއި މީހުންގެ ބައިވެރިވުން އޮވެގެން ކަމަށެވެ. އަދި ބުނީ އެކަމުން ދައްކައި ދެނީ ޑިމޮކްރެޓިކް އުސޫލުން ވެރިކަން ބަދަލުވާން ދިވެހިން އެދޭކަން ކަމަށާއި ފެންވަރު ރަނގަޅު އިންތިހާބު ބޭއްވުމުގެ ގާބިލުކަން އިލެކްޝަންސް ކޮމިޝަނުގައި ހުރިކަން ކަމަށެވެ.
"ނޮވެމްބަރު ނުވަނަ ދުވަހުގެ އިންތިހާބުގެ ރަނގަޅު ނަތީޖާ އިން އަނެއްކާ ވެސް ދައްކައިދެނީ އިލެކްޝަންސް ކޮމިޝަނުގެ ހަރުދަނާ ކަމާއި ރަނގަޅު ފެންވަރުގެ އިންތިހާބެއް ބޭއްވުމުގެ ގާބިލުކަން ހުރިކަމެވެ، " އެމެރިކާގެ ބަޔާނުގައިވެ އެވެ.
ވެރިކަން ކުރަނީ ރައްޔިތުން އިންތިހާބުކޮށްފައިވާ ރައީސެއްކަން ކަށަވަރު ކުރުމަށް ޓަކައި ދެވަނަ ބުރު އަވަހަށް ބޭއްވުން ވަރަށް މުހިއްމު ކަމަށް އެބަޔާނުގައި ވެސް ބުނެފައިވެ އެވެ.
އިއްޔެ ނެރުނު މިބަޔާނަށް ފަހު މިއަދު އެމެރިކާއިން ވަނީ އަދި އެހެން ބަޔާނެއް ވެސް ނެރެފަ އެވެ. އިންތިހާބުގެ ދެވަނަ ބުރު ފަސްކުރުމަށް ސުޕްރީމްކޯޓުން ކުރި އަމުރާ ގުޅިގެން އެބަޔާނުގައި ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.