10 Nov 2013, 16:02
ގާނޫނު އަސާސީގެ ރޫހަށް ދިވެހި ދައުލަތުގެ ތިން ބާރުން ވެސް އިހުތިރާމް ކުރުމަށް އެމެރިކާއިން ގޮވާލައިފި އެވެ.
އެމެރިކާ އިން މިހެން ބުނީ މިއަދު ބާއްވަން ހަމަޖެހިފައި އޮތް މިއަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހަށް ފަސްކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.
ރާއްޖެއަށާއި ސްރީލަންކާއަށް އެކްރެޑިޓްކޮށް، ސްރީލަންކާގައި ގާއިމްކޮށްފައިވާ އެމެރިކާ އެމްބަސީން ނެރުނު އެބަޔާނުގައި ބުނެފައި ވަނީ ގާނޫނުތައް އަލުން މާނަކުރުން ހުއްޓާލުމަށް ވެސް ގޮވާލާ ކަމަށެވެ.
"ގާނޫނު އަސާސީގައި ލިޔެފައިވާ އެއްޗަކާއި އޭގެ ރޫހަށް އިހުތިރާމް ކުރުމަށް ރާއްޖޭގެ ތިން ބާރަށާއި ސިޔާސީ ޕާޓީތަކަށް އަހަރެމެން ގޮވާލަމެވެ. އަދި ކަމާ ގުޅުން ހުރި ގާނޫނުތައް ތަކުރާރުކޮށް އަލުން މާނަކުރަމުންދާ ދިއުން ހުއްޓާލުމަށް ގޮވާލަމެވެ،" އެމެރިކާގެ ބަޔާނުގައިވެ އެވެ.
އެބަޔާނުގައި އަދި ވަނީ ރާއްޖޭގެ ސުޕްރީމްކޯޓުން އިންތިހާބުގެ ކަންތައްތަކުގެ ތެރެއަށް ތަކުރާރުކޮށް ވަންނަމުންދާ ދިއުމުގެ ސަބަބުން ގޮތް ނިންމުމުގެ ބާރު ރައްޔިތުންގެ އަތުން ނިގުޅެމުންދާ ކަމަށެވެ.
"އިންތިހާބުގެ ކަންކަމުގެ ތެރެއަށް ސުޕްރީމްކޯޓުން ތަކުރާރުކޮށް ވަނުމުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީ މަގުން ކައްސާލައި، ގޮތް ނިންމުމުގެ ބާރު ރައްޔިތުންގެ އަތުން ދަނީ ނިގުޅައިގަނެވެމުންނެވެ،" ބަޔާނުގައިވެ އެވެ.
އިތުރު ލަސްކުރުމަކާ ނުލައި ރިޔާސީ އިންތިހާބު ބޭއްވުމަކީ ވަރަށް މުހިއްމު އަދި ވަރަށް އަވަހަށް ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އެމެރިކާގެ ބަޔާނުގައި ބުނެފައިވެ އެވެ.
ރާއްޖޭގެ އިންތިހާބު ލަސްވުމުން އިނގިރޭސިވިލާތާއި ކޮމަންވެލްތުން ވެސް މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފަ އެވެ.
މިއަދު ބާއްވަން ކުރިން ހަމަޖެހިފައި އޮތް، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހަށް ފަސްކުރަން ބުނީ ސުޕްރީމްކޯޓުން ރޭ ފަތިހު ނެރުނު އަމުރެއްގަ އެވެ.