03 Dec 2010, 16:17
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދުވަސް ފާހަގަ ކުރާ އިރު އެންމެ އުފާވަނީ މުޖުތަމައުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާ މެދު ދެކޭގޮތް ބަދަލުވެފައި ވާތީ ކަމަށް ނުކުޅެދުންތެރިކަން ހުރި ބައެއް ކުދިން ބުނެފި އެވެ.
މިއަދު ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ، ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ދުވަސް ފާހަގަ ކުރުމަށް ކެއާ ސޮސައިޓީން އިސްނަގައިގެން މާލޭގައި ބޭއްވި ހިނގާލުން ނިންމާލުމަށް ފަހު އާޓިފިޝަލް ބީޗްގައި ތިބެ ސަން އޮންލައިން އާ ވާހަކަ ދައްކަމުން އޭގެ ތެރެއިން ބައެއް ކުދިން ބުނީ މީގެ ކުރިން އެކުދިންނަށް މުޖުތަމައުން "ފުރައްސާރަ" ކުރުމާއި "ޖެއްސުން" ކުރުމުގެ އަމަލުތައް ފެންނަ ކަމަށާއި މުޖުތަމައުގައި ދިރިއުޅުމަށް އެކުދިންނަށް އުނދަގޫތަކާ ކުރިމަތި ވަމުން ދިޔަކަމަށެވެ.
"ލޮލަށް ނުފެންނާތީ އެގޮތަށް އައިބު ކިޔުން، އަޅުގަނޑުމެންނަށް ދިމާވަމުން ދިޔަ ވަރަށް ބޮޑު ކަމެއް. އެކަމަކު މިހާރު އެކަން ވަރަށް ބޮޑަށް ބަދަލު ވެގެން ހިނގައްޖެ. އަޅުގަނޑު ދަންނަވާނީ ވަރަށް ބޮޑަށް ހޭލުން ތެރި ވެއްޖެއޭ. މި ވީހާތައް ދުވަހު އަޅުގަނޑު އެންމެ އުފާވި އެއް ދުވަސް މިއީ،" ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މުހަންމަދު އަފާޒް ބުންޏެވެ.
އަފާޒް ބުނީ އަދިވެސް އެ ކުދިންގެ އާއިލާތަކުގެ ފަރާތުން ބައެއް ދަތިތަކާ ކުރިމަތި ވަމުން އަންނަ ކަމަށާއި އެ ކުދިންނަށް ކަމެއް ނުކުރެވޭނެ ކަމަށް ގަބޫލު ކުރާ ގަބޫލުކުރުން ބައެއް އާއިލާތަކުން ގަބޫލުކުރަމުން ދިއުން މިއީ ވަރަށް ދެރަކަމެއް ކަމަށެވެ.
"ބައެއް އާއިލާތަކުން އަދިވެސް ގަބޫލެއް ނުކުރޭ[އެފަދަ ކުދިންނަށް] ކަމެއް ކުރެވިދާނެ ކަމަކަށް. ކަމެއް ކުރަން އުޅޭއިރަށް ބުނާނެ ތިޔަ ކަމެއް ނުވާނޭ،" އަފާޒް ބުންޏެވެ.
މިއަދު ހަވީރު ހަތަރެއް ޖެހި އިރު ސޯސަލް ސެންޓަރު ކުރިމަތިން ފެށި ހިނގާލުން ނިންމާލީ މަޖީދީމަގުން އައިސް އާޓިފިޝަލް ބީޗް ސަރަހައްދަށެވެ. އެ ހިނގާލުމުގައި ނުކުޅެދުންތެރިކަން ހުރި ބައެއް ކުދިން އެކުދިންގެ ޝުއޫރުތައް ފާޅުކުރަމުން ދިއައިރު ކެއާ ސޮސައިޓިގެ މެންބަރުން ދިއައީ މުޖުތަމައުން އެފަދަ ކުދިން ބަލައިގަތުމަށް އެދި އަނޑުއުފުލަމުންނެވެ.
ނުކުޅެދުންތެރިކަން ހުރި ބައެއް ކުދިންނާއި އެކުދިންގެ އާއިލާތަކުންނާއި އާންމު ރައްޔިތުން ގިނަ އަދަދަކަށް ބައިވެރިވި އެ ހިނގާލުމުގައި ނައިބް ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކާއި ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިވަޑައި ނުގަންނަވާ، ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދާއި ހެލްތް އެންޑް ފެމިލީ ޑރ. އައިންތު ޖަމީލާއި ހިއުމަންރައިޓްސް ކޮމިޝަނުގެ ރައީސް މަރިޔަމް އަޒުރާ ވެސް ބައިވެރިވެ ވަޑައިގަތެވެ.
އެ ހިނގާލުން ނިންމާލުމުގެ ގޮތުން އާޓިފީޝަލް ބީޗްގައި ވާހަކަދެއްކެވި ހުރިހާ ފަރާތްތަކަކުން ވެސް ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ގާނޫނީ ހިމާޔަތް ލިބިފައި ވާކަން ފާހަގަ ކުރައްވަމުން މިހާރަށް ވުރެ ވެސް ބޮޑަށް މުޖުތަމައުން އެފަދަ ކުދިންނާ މެދު ހޭލުންތެރި ވުމަށް ގޮވައިލައިފަ އެވެ.
"ހާއްސައެހީއަށް ބޭނުންވާ ކުދިންނާ ގުޅޭ ގާނޫނެއް މިއަދު މިވަނީ ފާސްވެފައި. އެކަމަށް ޓަކައި އަޅުގަނޑު ޝުކުރު ދަންނަވަން މަޖުލީހުގެ ރައީސް އާއި މެންބަރުންނަށް. އަޅުގަނޑުމެން މިއަދު އަޒުމް ކަނޑައަޅަން ވީ ނުކުޅެދުންތެރިންނަށް ލިބެން ޖެހޭ ހައްގުތައް ލިބިދިނުމަށް މަސައްކަތް ކުރުމަށް. އެއީ އަޅުގަނޑުމެންގެ އަޒުމަކަށް ވާންވީ،" ނައިބު ރައީސް ވިދާޅުވި އެވެ.
ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އެ ކުދިންގެ އަޒުމް އާކުރަމުން ބުނީ " ހިތަށް އަރާ މިއީ ހުވަފެނެއް ބާއޭ. ވަރަށް އުފާވެއްޖެ މިއަދު. ވީ ކޭން ޑޫއީޓް، ވީ ވިލް ޑޫއިޓް" އެވެ.
ދުނިޔޭގެ އާބާދީގެ ތެރެއިން ކޮންމެ ދިހަ މީހަކުން އެކަކީ ކޮންމެ ވެސް ސިފައެއްގައި ނުކުޅެދުންތެރިކަމާ ކުރިމަތިލާން ޖެހިފައިވާ މީހެކެވެ. ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު ތިން ވަނަ ދުވަހަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދުވަހެވެ.