10 Nov 2013, 15:34
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ގުޅިގެން މަސައްކަތްކުރުމަށް ޖުމްހޫރީ ޕާޓީގެ އިތުރުން އެހެނިހެން ޕާޓީތަކާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް ޕީޕީއެމުން ބުނެފި އެވެ.
ނަސަންދުރާ ޕެލެސް ހޮޓެލްގައި ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ކައުންސިލް މެމްބަރު ދުންޔާ މައުމޫން ވިދާޅުވީ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ އަދި އައިޑީޕީގެ އިތުރުން އެހެނިހެން ކުދި ޕާޓީތަކާ އެކު ވެސް މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
ދުންޔާ ވިދާޅުވީ އެ މަޝްވަރާތަކުގެ ތަފްސީލުތައް ފަހުން މީޑިއާއަށް ހިއްސާކުރައްވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ގިނަ ރައްޔިތުންތިބީ ގައުމާއި ދީނަށް ޓަކައިކަން އިއްޔެގެ ވޯޓުން އެނގިގެން ހިނގައްޖެ ކަމަށާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށް ރައީސް މައުމޫން އަބްދުލްގައްޔޫން ޝުކުރު އަދާކުރައްވާފައިވާ ކަމަށެވެ.
ގާސިމް އިބްރާހީމަކީ މިގައުމަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށާއި އެކަމަށްޓަކައި އެމަނިކުފާނަށް ޕީޕީއެމުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ޕީޕީއެމުން ބޭނުން ވަނީ ސުޕްރީމް ކޯޓުގެ ނިންމުމާ އެއްގޮތަށް ނޮވެމްބަރު 11 ގެ ފަހުން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަގާމުގައި ދެމިހުންނެވުމަށް ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.