މެނީލާ (ނޮވެމްބަރު 10) :ޕިލިޕީންސްގެ މެދުތެރޭ ސަރަހައްދުތަކަށް މިދިޔަ ހުކުރުދުވަހު އެރި ބާރުގަދަ ތޫފާން "ހައިޔާން"ގެ ސަބަބުން މަރުވި މީހުންގެ އަދަދު 10 ހާހަށް އަރާފާނެ ކަމުގެ ބިރުހީވެފައިވާ ކަމަށް އެގައުމުން ބުނެފި އެވެ.

މިތޫފާންގެ ސަބަބުން މަރުވެފައިވާމީހުން ހަށިތައް ހޯދުމަށާއި ގެއްލިފައިވާ އެތަށް ހާސްބަޔަކު ހޯދުމަށް މަސައްކަތްކުރާ ފިލިޕީންސްގެ ސިފައިންނާއި ފުލުހުން ބުނީ ގެއްލިފައިވާ ގިނަމީހުންގެ ފެންނަމުންދަނީ މަރުވެފައިވާ ހަށިތައް ކަމަށާއި "ހައިޔާން"ގެ ސަބަބުން މަރުވި މީހުންގެ އަދަދު 10 ހާހަށް އަރާފާނެ ކަމުގެ ބިރު ވަރަށް ބޮޑުކަމުގަ އެވެ. މިހާތަނަށް ހާހެއްހާ މީހުން މަރުވެފައިވާކަން ވަނީ ކަށަވަރުވެފަ އެވެ.

"ހައިޔާން" ތޫފާން ފިލިޕީންސަށް އަރާފައި ވަނީ ގަޑިއަކު 300 ކިލޯމީޓަރުގެ ގަދަވަޔާއެކުގަ އެވެ. އެތޫފާން އެރި ފިލިޕީންސްގެ މެދުތެރޭ ސަރަހައްދުތަކުގެ ގިނަ އިމާރާތްތަކެއް ވެއްޓި، ފެންބޮޑުވެ އަދި ބިންގަނޑު ކަނޑައިގެން ދިއުމުގެ އެތައް ޙާދިސާތަކެއްވަނީ ހިނގާފަ އެވެ. މީގެއިތުރުން އެތަށް ސަރަޙައްދަކުން މުވާސަލާތީ ޚިދްމަތްތަކާއި ކަރަންޓްގެ ޚިދްމަތްތަކާއި ދަތުރުފަތުރުގެ ޚިދްމަތްތައް ކެނޑި ގައުމުގެ ބޮޑުސަރަހައްދެއް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. "ހައިޔާން"ގެ ސަބަބުން އެތަށް ލައްކަބަޔަކު ޙާލުގައި ޖެހިފައިވާ އިރު ހާލުގައި ޖެހިފައިވާ މީހުން ސަލާމަތް ކުރުމާއި އެމީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ފިލިޕީންސް ސިފައިންގެ ލަޝްކަރުތަކުން ކުރަމުންދާކަމަށް ޚަބަރުލިބެ އެވެ.
ފިލިޕީންސަކީ އެވްރެޖްކޮށް އަހަރަކު ވިއްސަކަށް ތޫފާން އަރާ ގައުމެއް ނަމަވެސް މިއީ މިހާތަނަށް އެގައުމަށް އެރި އެންމެ ބާރުގަދަ ތޫފާން ކަމަށް ޚަބަރުލިބެ އެވެ. މިއަހަރު ވެސް ބާރަވަރަކަށް ތޫފާން ފިލިޕީންސަށް އަރާފައިވާއިރު މީގެތެރޭގައި ބާރުގަދަ ދެ ތޫފާނެއް ހިމެނެ އެވެ. 2011 ވަނަ އަހަރު ފިލިޕީންސަށްއެރި "ވާޝީ" ނަމަކަށްކިޔާ ތޫފާންގައި ބާރަސަތޭކަ މީހުން މަރުވެ ތިންލައްކައަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި ޙާލުގައި ޖެހިފައިވެ އެވެ. (ރޮއިޓާސް)