10 Nov 2013, 15:13
ޖެނީވާ (ނޮވެމްބަރު 10) : އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމާ ބެހޭގޮތުން ދުނިޔޭގެ ހުޅަނގުގެ ބާރުތަކާއި އީރާނާދެ މެދު ޖެނީވާގައި މިހާރު ކުރިއަށް ގެންދާ ވާހަކަތަކުގައި ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް ދެފަރާތުގެ ދެމެދުގައި އެއްބަސްވުކަމަށް ނާދެވި ބައްދަލުވުން ނިންމާލައިފި އެވެ.
މިބައްދަލުވުން ނިންމާލީ މިމަހުގެ 20ގައި މީގެ ދެވަނަ ބައްދަލުވުމެއް ބޭއްވުމަށް އީރާނާއި ހުޅަނގުން އެއްބަސްވުމަށްފަހުގަ އެވެ. ޖެނީވާގެ ބައްދަލުވުން ކުރިޔަށް ދިޔައީ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމާ ބެހޭ މައިގަނޑުކަންކަމުގައި އީރާން ކޮންމެވެސް ވަރެއްގެ ދޫތަކެއް ދިނުމުން އީރާނާދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުގެ ބައެއް އުވާލައި އެފިޔަވަޅުތައް ލުއިކޮށް ދިނުމުގެ ބޭނުމުގަ އެވެ. މީގެ އިތުރުން އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމާ މެދު ހުޅަނގުންކުރާ ޝައްކުތައް ފިލުވާލައި އެޕްރޮގްރާމަށް ހުޅަނގުގެ އިތުބާރު ހޯދުމަކީ ވެސް މިބައްދަލުވުމުގެ މައިގަނޑު ބޭނުންތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ޖެނީވާގައި ކުރިޔަށްދިޔަ މިވާހަކަތަކަށް އިތުރު މުއްދަތެއް ބޭނުންވާ ކަމަށް އީރާނާއި ހުޅަނގުގެ މަސްއޫލުވެރިންވެސް އިޝަރާތް ކުރައްވާފައިވާ އިރު މިބައްދަލުވުމުގެ އިތުރު ބުރެއް އެހެން ތާރީޚެއްގައި ބޭއްވިއްޖެ ނަމަ އެއްބަސް ވުމަކަށް އާދެވެދާނެ ކަމުގެ އުންމީދު ދެފަރާތުން ވެސް ވަނީ ކުރިން ފާޅުކޮށްފަ އެވެ. އީރާން ބޭނުން ވަނީ އެހެންގައުމުތަކެކޭ ވެސް އެއްގޮތަށް އެގައުމަށް ލިބިފައިވާ ނިއުކްލިޔާ ހައްގެއް ކަމަށްވާ ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްޤު ނުގެއްލޭގޮތަށް އަދި މިހައްޤު އީރާނަށް ދިނުމަށް ހުޅަނގުގެ ބާރުތައް ގަބޫލުވާ ފަދަ ޙައްލަކަށް ދިޔުމަށެވެ. ހުޅަނގުގެ ބާރުތައް ބޭނުން ވަނީ ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްޤު އީރާނަށް ނުލިބޭ ގޮތަށް އަދި އީރާނަށް ބޭނުންވާ ފައްކާކުރި ޔޫރޭނިޔަމް ބޭރުން ލިބޭނެގޮތަކަށް މައްސަލަ ޙައްލުކުރުމަށެވެ.
ނަމަވެސް ޔޫރޭނިޔަމް ފައްކާކުރާމިންވަރު 20 އިންސައްތައިން މައްޗަށް ނުގެންދިޔުމާއި އދ.ގެ ކަމާ ބެހޭ އިދާރާގެ ބެލުމުގެދަށުން ދެފުށްފެންނަ ގޮތަށް މިކަން ކުރިޔަށް ގެންދިޔުމަށް އީރާނުން ވަނީ ހުށަހަޅާފަ އެވެ. ޖެނީވާގެ ބައްދަލުވުމުގައި ފަރަންސޭސި ޚާރިޖީ ވަޒީރު ލޯރެން ފެބިއުސް އާއި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވަނީ އެތަށް ގަޑީއިރަކު އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް އާ މަޝްވަރާކުރައްވާފަ އެވެ.
ފަރަންސޭސީ ޚާރިޖީ ވަޒީރު ވަނީހުޅަނގުގެ ބާރުތަކާ އީރާނާ ދެމެދު ކުރިއަށްދިޔަ ވާހަކަތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ނަމަވެސް މިކުރިއެރުންތައް އެއްބަސްވުމަކަށް ބަދަލުވާނެ ކަމުގެ ޔަޤީންކަން ފުރަތަމަ ބުރުގައި ނެތްކަމަށާ ދެވަނަ ބުރެއްގައި ހައްލަކަށް ދެވުމަކީ ގާތްކަމެއް ކަމުގައެވެ. ހުޅަނގުގެ ފަސްބާރު ކަމަށްވާ އެމެރިކާ އާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާ އަދި ޖަރުމަނުވިލާތުގެ އިތުރުން މިބައްދަލުވުމުގައި ޗައިނާ އާއި ރަޝިޔާއާއި ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ވަޒީރު ކެޓްރިން އެޝްޓަން ވެސް މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވަ އެވެ. ނަމަވެސް މައިގަނޑު މަޝްވަރާތައް ކުރިޔަށްދަނީ ހުޅަނގުގެ ބާރުތަކާއި އީރާނާ ދެމެދުގަ އެވެ. ރަޝިޔާއާއި ޗައިނާގެ މަންދޫބުން ތަމްސީލް ކުރެއްވި ނަމަވެސް އެދެގައުމުގެ ޚާރިޖީ ވަޒީރުން މިބައްދަލުވުމުގައި ބައިވެރިވެޑައިގެންފައެއް ނުވެ އެވެ. (ރޮއިޓާސް)