10 Nov 2013, 14:33
ގ. ވޭރު އަބްދުލް މުހީތު މަރާލުމުގެ ކުށް ސާބިތުވެ މެރުމަށް ހުކުމް ކޮށްފައިވާ ދެ ކުދީންގެ ތެރެއިން އެއްކުއްޖަކު އެ މައްސަލަ އިސްތިއުނާފު ކޮށްފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އިސްތިއުނާފަށް ހުށަހެޅި އެ މައްސަލަ ހައިކޯޓުން މިހާރު ވަނީ ބަލައިގެންފަ އެވެ.
މުހީތު މަރާލި އިރު އެކުއްޖާ އަށް 18 އަހަރު ފުރިފައިނުވިނަމަވެސް މިހާރު އެ ކުއްޖާ އަށް ވަނީ 18 އަހަރު ފުރިފަ އެވެ.
ވަޅިން ހަމަލާދީ މުހީތު މަރާލާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވީ އާދީއްތަ ދުވަހުގެ (ހޮނިހިރު ދުވަހުގެ ރޭ ދަންވަރު) 01:50 އެހާކަށް ހާއިރު ފިނޭންސް މިނިސްޓްރީ ކުރިމަތީ އޮންނަ ކޮޅު ބެދިފައިވާ ގޯޅިގަނޑުގެ ތެރޭ ސައިކަލެއްގެ މަތީގައި އޭނާ އިންދައެވެ.
ޖުވެނައިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އެ ދެ ކުދިން ދައުވާ އަށް އިންކާރު ކުރި ނަމަވެސް ހެކީންގެ ހެކިބަހުންނާއި ޝަރީއަތަށް ހުށަހެޅުނު އެހެނިހެން ހެކިތަކުންނާއި ގަރީނާތަކުން އެދެ ކުދިންގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވާ ކަމަށެވެ.
އެ ދެ ކުދިންގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް އެ މައްސަލައިގައި ދައުލަތުން ދައުވާކުރި ތިން ވަނަ ކުށްޖާގެ މައްޗަށް ކުށްސާބިތު ނުވާކަމަށް ވެސް ޖުވެނައިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
ތިން ވަނަ ކުއްޖާގެ މައްޗަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު މުހީތަށް ވަޅިން ހަމަލާދިނުމުގައި އެކުއްޖާ ބައިވެރިވި ކަމަށް އެކަކު ހެކިބަސް ދީފައިވާއިރު އިތުރު އެއްވެސް ހެއްކަކު އެ ކުއްޖާ އެކަމުގައި ބައިވެރިވި ކަމަށް ބުނެފައި ނުވާކަމަށް ވެސް ޖުވެނައިލް ކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.
އެ ހުކުމްގައި ބުނެފައި ވަނީ ދައުލަތުން ހުށަހެޅި ހެކި ގަރީނާ ތަކުގެ ތެރޭގައި ހިމެނޭ ސީސީޓީވީ ފްޓޭޖްތަކުގެ ތެރެއިން އޭޑީކޭ ހޮސްޕިޓަލްގެ އެންޓްރެސް ޕޯޓިކޯ ކައުންޓަރުގެ ސީސީޓީވީ ފްޓޭޖުން ނެގިފައިވާ ކްލިޕްތަކުން ދައުވާ ލިބޭ މީހުންގެ ތެރޭގައި ހިމެނޭ ދެ ކުދިން އެ ހާދިސާ ހިނގި ގަނޑީގެ ފަހުގެ ވަގުތެއްގައި އެ ހޮސްޕިޓަލްގެ ތެރޭގައި އެ ކަމުގައި ބައިވެރިވިކަމަށް ބެލެވޭ އެހެން މީހުންނާ އެކު ހަރަކާތްތެރިވާ މަންޒަރު ފެންނަން ހުރި ކަމަށެވެ.
އެ ދެކުދިން ބޭނުންކުރި މޯބައިލް ނަންބަރުތަކުގެ އިންޓަސެޕްޓަޑް ކޯލްތަކުގެ ވޮއިސް ރެކޮގްނިޝަން އެނަލިސިސް ސައިބާ ސެކިއުރިޓީ މެލޭޝިޔާ އިން ހެދުމަށްފަހު ތައްޔާރުކޮށްފައިވާ ކޭސް ރިޕޯޓުގެ ފަސް ވަނަ ޕޮއިންޓްގައި އަޑުދިމާވެފައިވާ މީހުންގެ ތެރޭގައި އެ ދެކުދިން ހިމެނޭ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
އެ ކޯލްތަކުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު އެ ވާހަކަތަކަކީ އެ އަމަލުގައި ބައިވެރިނުވާ މީހަކަށް އެނގޭނެ މައުލޫމާތުތަކެއް ނޫންކަމަށް ޝަރީއަތަށް ކަށަވަރު ކުރެވޭ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.