10 Nov 2013, 14:25
ދަރުމަވަންތަ ސްކޫލްގެ ގްރޭޑް 9ގެ ދަރިވަރު، ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް މަރާލި މައްސަލައާ ގުޅިގެން ދައުލަތުން ހުށަހެޅި ބައެއް ހެކީންގެ ހެކިބަސް ނަގައިފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ނަގާފައި ވަނީ އަރުހަމް މަރާލާފައި އޮތްތަނަށް ދިޔަ ތިން ފުލުހެއްގެ ހެކިބަހެވެ.
ހެކިބަސް ދެމުން އެ ތިން ފުލުހުން ވެސް ބުނެފައި ވަނީ އެމީހުން ލޮރެންޒޯ ޕާކްތެރެއަށް ދިޔައިރު އަރުހަމް އޮތީ މަރާލާފައި ކަމަށެވެ.
ލޮރެންޒޯ ޕާކްތެރޭގައި ހުއްޓާ އަރުހަމް މަރާލާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުގެ ރޭ ފަތިހު ގާތްގަނޑަކަށް 4:45 އެހާކަންހާއިރު އެވެ.
އޭނާ މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ މއ. ސީނަރީވިޔު އާތިފް ރަޝީދާއި ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފުޔާންގެ އިތުރުން ލ. މާވަށް އަސަރީގޭ މަންސޫރު ޔޫސުފާއި ހަމަ އެރަށު އެވާބްލޫ މުހައްމަދު ވިސާމް ގެ މައްޗަށެވެ.
އެ މީހުންގެ ތެރެއިން ބައެއް މީހުން ތޫނުއެއްޗަކުން އަރުހަމަށް ހަމަލާދިން މަންޒަރު ދުށްކަމަށް ބައެއް މީހުން ވަނީ މީގެކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސްދީފަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި ވެސް އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުން ކަމަށެވެ.