10 Nov 2013, 14:11
މި ނޮވެންބަރު މަހުގެ 15 އިން 17 އަށް ސްރީ ލަންކާގައި ބާއްވާން ހަމަޖެހިފައި ވާ ކޮމަންވެލްތު ސަމިޓުގައި ޝަޚްސީ ގޮތުން ބައިވެރި ވެވަޑައިނުގަންނަވާން އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގް ނިންމަވައިފި ކަމަށް، އިންޑިއާގެ އެންޑީޓީވީ ޚަބަރު ޗެނަލުން ބުނެފިއެވެ.
މަންމޯހަން ސިންގްގެ މި ނިންމުމަކީ ލަންކާގެ ސަރަހައްދި ސިޔާސީ ޕާޓީތަކުގެ އިތުރުން، އޭނާ އެ ޕާޓީއަކަށް ނިސްބަތް ވެވަޑައިގަންނަވާ، އަދި އިންޑިއާގެ ވެރިކަން ކުރާ އިންޑިއަން ނެޝަނަލް ކޮންގްރެސްގެ ވެސް ސީނިއަރ މެންބަރުންގެ ފިއްތުންތަކާއި، އިންޑިއާގެ ތަމަޅަ ޖަމްއިއްޔާޖަމާއަތްތަކުގެ ބާރުއެޅުމުގެ ސަބަބުން ނިންމެވި ނިންމެވުމެއް ކަމަށް އެންޑީޓީވީން ބުނެފައި ވެއެވެ.
ކޮމަންވެލްތުގެ 53 މެންބަރު ގައުމުގެ ސަރުކާރުތަކުގެ އެންމެ އިސް ވެރީން ބައިވެރި ވެވަޑައިގަންނަވާ ސަމިޓުގައި، އިންޑިއާ ތަމްސީލު ކުރައްވާނީ އެ ގައުމުގެ ޚާރިޖީ ވަޒީރު ސަލްމާން ޚޫރްޝީދެވެ.
ލަންކާގައި ބާއްވާ ކޮމަންވެލްތުގެ ސަމިޓުގައި ބައިވެރި ވެވަޑައިނުގަންނަވާން އިންޑިއާގެ ބޮޑުވަޒީރަށް އެ ގައުމުގެ ތަމަޅަ ލީޑަރުންނާއި ސިޔާސީ ބައެއް އިސް ފަރާތްތަކުން ބާރު އަޅައިފައި ވަނީ، ލަންކާ ސަރުކާރުން އެ ގައުމުގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު ތަމަޅައިންގެ އިންސާނީ ހައްގުތަކަށް އަރައިގަނެފައި ވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެންނެވެ.
ލަންކާގެ ވެރިކަމުގެ ދަށުން ވަކި ވެ، އަމިއްލަ ދައުލަތެއް އުފެއްދުމަށް ޓަކައި އެތައް އަހަރެއް ވާންދެން ހަނގުރާމަ ކުރި ތަމަޅައިންގެ ބާރު ކަނޑުވައިލެވުނު ދުވަސްކޮޅު، 2009 ވަނަ އަހަރުގެ ތެރޭގައި ތަމަޅަ އާއްމުންނާ ދެކޮޅަށް ލަންކާގެ ސިންގަޅަ ސަރުކާރާއި އަސްކަރިއްޔާއިން ގަތުލުއާއްމެއް ހިންގި ކަމަށް ތުހުމަތު ކުރެވެއެވެ. މި މައްސަލައިގައި އިންޑިއާގެ ތަމަޅައިންގެ މެދުގައި ވަނީ ލަންކާ ސަރުކާރާ ދެކޮޅު ޝުއޫރުތަކެއް އުފެދިފައެވެ. އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓަކީ ތަމަޅަ ސްޓޭޓެއް ކަމަށް ވާއިރު، އެ ސްޓޭޓަށް ނިސްބަތް ވާ 62 މިލިއަން ތަމަޅައިންނަކީ ނަސްލީ ގޮތުންނާއި ދީނީ ގޮތުން، ލަންކާގެ ތަމަޅައިންނާ އެއް އާއިލާއެކެވެ.
ތަމަޅަ އާއްމުންގެ 40000 މީހުން މަރާލެވުނު ކަމަށް ބުނެވޭ ގަތުލުއާއްމުގެ ތުހުމަތުތައް ތަހުގީގު ކޮށް، އެކަމުގައި ކުށްވެރި ވާ ސިފައިންނަށް އަދަބު ދޭން ބައިނަލްއަޤްވާމީ ފަރާތްތަކުން ގެންދަނީ ސްރީ ލަންކާ ސަރުކާރަށް ގޮވައިލަމުންނެވެ. ނަމަވެސް މިހާތަނަށް ލަންކާ ސަރުކާރުން މިފަދަ އެއްވެސް ގޮވައިލުމަކަށް އިޖާބަ ދީފައެއް ނުވެއެވެ.
އިންޑިއާގެ އެންމެ ބޮޑު އެއް ދުވަހު ނޫސް "ހިންދުސްތާން ޓައިމްސް" ގައި ކުރީންވެސް ބުނެފައި ވަނީ، ދާޚިލީ ފިއްތުންތަކުގެ ސަބަބުން، ލަންކާ ސަމިޓުގައި ބައިވެރި ވެވަޑައިގަންނަވާން ބޮޑުވަޒީރު ސިންގަށް ވަރަށް ދަތިފުޅު ވާނެ ކަމަށެވެ.
އިންޑިއާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށް ވާ ބާހރަތިޔާ ޖަނަތާ ޕާޓީން ވެސް ވަނީ ލަންކާ ސަމިޓަށް ބޮޑުވަޒީރު ވަޑައިނުގަންނަވާން ގޮވައިލައިފައެވެ. 2014 ވަނަ އަހަރުގެ މެއި މަހު އިންޑިއާގައި އިންތިޚާބު ބާއްވާން ހަމަޖެހިފައި ވާ އިރު، ތަމަޅައިގެން ސަޕޯޓު ގެއްލޭ ފަދަ ކަމެއް ކުރާން ވެރިކަން ކުރާ ކޮންގްރެސް ޕާޓީ ވެސް ބޭނުމެއް ނުވެއެވެ.
ސަމިޓުގައި ބައިވެރި ވެވަޑައިނުގަންނަވާން އިންޑިއާގެ ބޮޑުވަޒީރު ނިންމަވައިފައި ވާ އިރު، ސްރީ ލަންކާ ސަރުކާރުން ކުރީން އިންޒާރު ކޮށްފައި ވަނީ އިންޑިއާއިން ސަމިޓުގައި ބައިވެރި ނުވެއްޖެ ނަމަ، އޭގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށެވެ.