10 Nov 2013, 13:12
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އިތުރަށް ލަސްވާނަމަ ބައިނަލް އަގުވާމީ މުޖުތަމައުގައި ރާއްޖޭގެ ތަސައްވުރު ހަޑިވާނެ ކަމަށް އިނގިރޭސިވިލާތުން ބުނެފި އެވެ.
އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓްމިނިސްޓަރު ހޫގޯ ސްވަޔަރް އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އިތުރަށް ލަސްވާ ނަމަ ވާނެ ހަމައެކަނި ކަމަކީ ރާއްޖޭގައި މިހާރު އޮތް ހާލަތު އިތުރަށް ގޯސްވުން ކަމަށެވެ.
"އިތުރަށް ލަސްވާ ނަމަ ވާނެ ހަމައެކަނި ކަމަކީ މިހާރު އޮތް ގާނޫނު އަސާސީގެ ހާލަތު [ގާނޫނު އަސާސީގައިވާ ގޮތަށް ނުވުމުގެ ހާލަތު] އިތުރަށް ގޯސްވެ، ހަމަނުޖެހުން އުފެދުމުގެ ނުރައްކާ ބޮޑުވެ ބައިނަލް އަގުވާމީ މުޖުތަމައުގައި ރާއްޖޭގެ ތަސައްވުރު ހަޑިވުމެވެ،" ސްވަޔަރް ވިދާޅުވެފައިވެ އެވެ.
ޑިމޮކްރަސީއަށް ރާއްޖޭގެ ރައްޔިތުން ކުރާ މަސައްކަތް އަނެއްކާވެސް ދައްކުވައިދީފައިވާ ކަމަށެވެ. އަދި ޕާޓީ ތަކުން ކުރިން އެއްބަސްވެފައިވާ ގޮތަށް ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރައިގެން އަވަހަށް ކުރިއަށް ދިއުމަކީ މުހިއްމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
"ރާއްޖޭގެ ރައްޔިތުންނަށް އެ މީހުން އިހުތިޔާރުކުރާ ސަރުކާރެއް ލިބޭ ގޮތަށް، ޕާޓީތަކުން ކުރިން އެއްބަސްވެފައިވާ ގޮތަށް އިންތިހާބުގެ ދެން އޮތް ބުރައިގެން އަވަހަށް ކުރިއަށް ދިއުމަކީ މުހިއްމު ކަމެކެވެ،" ސްވަޔަރް އަދި ވިދާޅުވެފައިވެ އެވެ.
އިނގިރޭސިވިލާތުން މިހެން ބުނެފައި ވާއިރު ކޮމަންވެލްތުން ވެސް ވަނީ ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އަވަހަށް ބޭއްވުމަށް އިއްޔެ ގޮވާލާފަ އެވެ.
"އިންތިހާބު ބޭއްވުމަށް އެއްބަސްވެފައިވާ ތާރީހު ބަދަލުކުރުމަށް ޕާޓީތަކުން ޑިމާންޑް ކުރުމަކީ އިންސާފުވެރި ކަމެއް ނޫނެވެ. އަދި އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ރިޔާސީ އިންތިހާބު ކަހަލަށް ސީރިއަސް ކަމެއްގައި ލަފާކުރުމުގެ ފުރުސަތު ވޯޓްލާ މީހުންނަށް މިއަށް ވުރެ ބޮޑަށް ލިބެން ޖެހެއެވެ،" ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާ ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހާއްސަ މަންދޫބު ޑޮން މެކިނަން ވިދާޅުވި ކަމަށް ބަޔާނުގައިވެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވަން ވާނީ އަންނަ ހޮނި ހިރު ދުވަހު ކަމަށް ބުނެ ސުޕްރީމްކޯޓުން ރޭ ފަތިހު ވަނީ އަމުރެއް ނެރެފައެވެ.