10 Nov 2013, 13:11
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް މިދިޔަ މަހު އާމްދަނީގެ ގޮތުގައި 593.6 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ދައުލަތުގެ ޓެކްސް އިދާރާއިން މިއަދު ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އާމްދަނީގެ ގޮތުގައި ލިބުނު މިންވަރަކީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 55 ޕަސެންޓް އިތުރު އަދަދެކެވެ. އަދި ކުރިން ލަފާކުރިން މިންވަރަށް ވުރެ 37 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް މިރާގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޑޮލަރުން ލިބުނު އާމްދަނީ އެކަނި ވެސް 25 މިލިއަން ޑޮލަރަށް އަރަ އެވެ.
އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު 325 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ތެރޭގައި ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި ލިބުނު 194.7 މިލިއަން ރުފިޔާ ހިމެނެ އެވެ.
މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެ އޮތޯރިޓީއަށް ލިބިފައި ވަނީ 382 މިލިއަން ރުފިޔާ އެވެ.
އެ ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ޓެކްސްގެ ގޮތުގައި ދައުލަތަށް 7.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ ހަ ބިލިއަން ރުފިޔާ އެވެ.