03 Dec 2010, 16:12
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން އެއިޑްސް އަށް ހޭލުންތެރި ކުރުމުގެ ފެއާއެއް މިއަދު ހަވީރު ޖުމްހުރީ މައިދާނުގައި ބާއްވައިފި އެވެ.
ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ) އިން އިންތިޒާމް ކުރި އެ ފެއާގައި މައުލޫމަތު ދީފައި ވަނީ އެއިޑްސް ފެތުރޭ ގޮތްތަކާއި، އެއިޑްސް އިން ދުރުހެލިވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުންނާއި އެޑިސްއަށް ޓެސްޓުކުރުމުގެ މުހިންމު ކަމުގެ މައްޗަށް ކަމަށް ޝީ އިން މައުލޫމާތު ދިނެވެ.
"އަޅުގަނޑުމެން އެއިޑްސް ޑޭ އާ ގުޅިގެން ފަސްޓް ޑިސެމްބާގައި އެޗްއައިވީ އަށް ޓެސްކުރާ ސެންޓަރެއް ވަނީ ޝީގަ ހުޅިވިފައި. އެހެން ވީމާ އެބޭފުޅުންނަށް ހުޅުވާލެވޭ ދޮރެއް އެއީ. އެބޭފުޅުންނަށް މައުލޫމާތު ދީފައި އަޅުގަނޑުމެން މިބުނަނީ ތިޔަ ބޭފުޅުން ވަޑައިގެން ޓެސްޓް ކުރަންވީ ނޫންތޯ އޭ،" ޝީގެ ޕުރޮގްރާމް ކޯޑިނޭޓާ އަސްނާ ސަން އޮންލައިން އަށް ވިދާޅުވި އެވެ.
އެ ފެއާއަށް ގިނަ އަދަދެއްގެ ބިދޭސީން ޒިޔާރަތް ކުރި އެވެ.
ދުނިޔޭގެ ފެންވަރުގައި އެއިޑްސް އާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހަކީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހެވެ. މިހާރު ވެސް ރާއްޖޭގައި އެއިޑްސް ބަލި ޖެހިފައިވާ ތިން މީހަކު އެބަތިބި ކަމަށް ޑިޒީޒް ކޮންޓުރޯލް ޔުނިޓްއިން މައުލޫމާތުދެ އެވެ. އަދި އެ ބަލި ރާއްޖޭގައި ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ވެސް އެ ޔުނިޓުން މައުލޫމާތު ދެ އެވެ.