10 Nov 2013, 13:32
ރައީސް ޑރ. މުހައްމަދު ވަހީދު ވެރިކަމުގައި ހުންނަވައިގެން ބާއްވާ އިންތިޚާބެއްގައި ބައިވެރިވުމަކީ "ޣައިރު ގާނޫނީ އިންތިޚާބެއްގައި ބައިވެރިވުން ކަމަށް" ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިއްޔެގެ ރިޔާސީ އިންތިޚާބަށް ފަހު ފުރަތަމަ ފަހަރަށް މީޑިއާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރު އުފެދުނު ސަރުކާރު މިރޭ މެންދަމު 12:00 ޖެހުމާ އެކު ނިމޭނެ ކަމަށެވެ. އަދި އެވަގުތަށް ފަހު ވަހީދު ރައީސް ކަމުގައި ނުހުންނަވާނެ ކަމަށާއި ރައީސް ޑރ. ވަހީދު ވެރިކަމުގައި ހުންނެވީ ނަޝީދާ އެކު އުފެއްދި ސަރުކާރެއް ދެމެހެއްޓުމުގެ ގޮތުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ގާނޫނު އަސާސީ ބުނާ ގޮތުން އެ ސަރުކާރު ނިމޭނެ ކަމަށާއި ރައީސް ޑރ. ވަހީދު ހުންނަވައިގެން ބާއްވާ އިންތިޚާބެއް ވާނީ ޣައިރު ގާނޫނީ އިންތިޚާބަށް ކަމަށެވެ.
"ޑރ. ވަހީދު އަޅުގަނޑުގެ ނައިބު ރައީސް, ދެނެއް ރައީސް ކަމުގައެއް ނީންނަވާނެ. އަޅުގަނޑުދެކޭ ގޮތުގައި އެބޭފުޅާ ރައީސް ކަމުގައި އިންނެވީ އަޅުގަނޑާ އެކު އުފެއްދި ސަރުކާރެއް ދެމެހެއްޓުމުގެ ގޮތުން. ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބުނަނީ އެ ސަރުކާރު ނިމޭނެ ކަމަށް. ޑރ. ވަހީދު ސަރުކާރުގައި އިންނަވައިގެން ބާއްވާ އިންތިޚާބެއްގައި ބައިވެރިވުމަކީ ޣައިރު ގާނޫނީ އިންތިޚާބެއްގައި ބައިވެރިވުން،" ސިޓީ ހޯލުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދެން އިންތިޚާބެއް ބޭއްވޭނީ މަޖިލީހުގެ ރައީސް ޝާހިދުގެ ޒަޢާމަތުގެ ދަށުގެ ރާއްޖެ އޮއްވައި ކަމަށެވެ.
އެމަނިކުފާނު އަދި ވިދާޅުވީ ރައީސް ޑރ. ވަހީދާ އެކު ބޭއްވި މަޝްވަރާތަކުގައި ވެސް ތަކުރާރުކޮށް ވިދާޅުވެފައި ވަނީ ނޮވެމްބަރު 11ގެ ފަހުން އެމަނިކުފާނު ނުހުންނަވާނެ ކަމަށް ކަމަށާއި އަދި އޭގެ އިތުރަށް ޑރ. ވަހީދު ވެރިކަމުގައި ހުންނަވަން އެދިވަޑައިގަންނަވަން ޖެހޭނީ އިންތިޚާބު ކާމިޔާބު ކުރައްވަން ކަމަށެވެ.
ރައީސް ވަހީދު ވެރިކަމުގައި ހުންނަވައިފި ނަމަ ވާނީ ކިހިނެތްތޯ ނޫސްވެރިއަކު ސުވާލު ދެންނެވުމުން ނަޝީދު ވިދާޅުވީ "ހުންނެވުމަށް ފަހު ވެގެންދާނެ ގޮތްތައް އަޅުގަނޑަށް ހީވަނީ ފެންނަމުންހެންދާނީ" ކަމަށެވެ.
ނަޝީދު ވިދާޅުވީ މަގުމައްޗަށް ނުކުމެ ސަރުކާރެއް ވައްޓާލަން އުޅުމަކީ އެމަނިކުފާނު ދުވަހަކު ވެސް ގަބޫލު ކުރި ހަމައާއި އުސޫލެއް ނޫން ކަމަށެވެ. އަދި އެއްވެ އުޅުމުގެ މިނިވަންކަމާއި އިހުތިޖާޖު ކުރުމުގެ ހައްގު ދިވެހި ރައްޔިތުންނަށް އޮންނަން ވާނެކަމަށެވެ.
ސިވިލްސާވިސް ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހާއި ބައްދަލުވާން ޖެހޭނެ ކަމަށާއި ނޮވެމްބަރު 11ގެ ފަހުން ޕާމަނަންޓް ސެކްރެޓަރީން ވަޒީރު ބޭފުޅުންގެ ބަސް އައްސަވައިގެންނުވާނެ ކަމަށާއި އިރުޝާދާއި ލަފާހޯދުމަށް އެބޭފުޅުން ވަޑައިގަންނަވަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
"ސިވިލްސާވިސްގެ ރައީސްއާ ވެސް އަޅުގަނޑުވާހަކަ ދައްދައްކައިފިން. ރައްޔިތުންގެމަޖިލީހުގެ ރައީސްއާ ވެސް ވާހަކަ ދައްކައިފިން. އަޅުގަނޑު އުއްމީދު ކުރަނީ ސިވިލްސާވިސް ކޮމިޝަނާ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ވާހަކަ ދެކެވި ސަރުކާރު ހިންގުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މިހާރު މިއޮތްގޮތުން އަނެއްކާ ވެސް ނޮވެމްބަރު 16 ވަނަ ދުވަހު ކޮންމެވެސް ހުއްޖަތްތަކެއް ދައްކައިގެން ސުޕްރީމް ކޯޓު މެދުވެރިކޮށް އަމުރެއް ނެރުއްވާނެ ކަމަށެވެ. އަދި އަނެއްކާ ވެސް ރައްޔިތުންނަށް ދިމާވާނީ ވަރަށް ނިކަމެތި ގޮތެއް ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނަޝީދު ވިދާޅުވީ "އަޅުގަނޑުމެން ދެން އިންތިޚާބަކަށް ދާންޖެހޭނީ އިންތިޚާބު ބޭއްވޭނެ ކަމުގައާއި އެ އިންތިޚާބު ބޭއްވުމަށްފަހުގައި ދިވެހި ދައުލަތުގެ އެންމެ މަތީ ވެރިއެއް ކަނޑައެޅޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުމެންނަށް ހޯދިގެން،" ކަމަށެވެ.
ނަޝީދު ވިދާޅުވީ ސަލާމަތީ ބާރުތަކާއި ފުލުހުންގެ ވެރިކަމާއި ސުޕްރީމްކޯޓުގެ ހުކުމްތަކާ ދޭތެރޭ ދިވެހިން ވެސް އެމަނިކުފާނު ވެސް ކަންބޮޑުނުވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހިން ކަންބޮޑުވަނީ މަދަރުސާތައް ނުހިނގާތީ އާއި ހޮސްޕިޓަލުގެ ޚިދުމަތް ރަނގަޅަށްނުލިބޭތީ އާއި ރަށުގެ ނަރުދަމާނެތި ލަފާފުރެންނޯންނާތީ ވަޒީފާގެ ފުރުސަތު ނުލިބޭތީ ކަމަށެވެ. އަދި އެކަންކަމަށް ދަތިވާ ގޮތަކަށް ކަންކަންވާން އެމަނިކުފާނު ނޭދޭ ކަމަށެވެ.