ގައުމީ ޕާޓީގެ ރައީސް ކަމުން އިސްތިއުފާ ދެއްވައި، ސިޔާސީ މައިދާނުން ދުރަށް ވަޑައިގަތުމަށް ރިޔާސީ އިންތިހާބުން ނާކާމިޔާބު ވަޑައިގެންނެވި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ޑރ. ހަސަން ސައީދު ނިންމަވައިފި އެވެ.

ޑރ. ހަސަން ވަނީ "ސަން"އަށް އެކަން ކަށަވަރުކޮށްދެއްވާފަ އެވެ. ނަމަވެސް އެ މަނިކުފާނުގެ އެ ނިންމުމާ ގުޅޭ ގޮތުން ތަފްސީލަކަށް ވަޑައެއް ނުގެންނެވި އެވެ.

ހަސަންގެ އަރިސް ބޭފުޅަކު ވިދާޅުވީ މިއަދުން ފެށިގެން ގައުމީ ޕާޓީގެ ކައުންސިލް މެމްބަރު ކަމުންނާއި އެ ޕާޓީގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް ހަސަން ނިންމަވާފައިވާ ކަމަށެވެ.

ސިޔާސީ ހަޔާތް މިއަދުން ފެށިގެން ނިންމަވާލެއްވިއިރު، ހަސަންގެ ލީޑާޝިޕްގައި އޮތް ގައުމީ ޕާޓީގެ މެމްބަރުންގެ އަދަދު ވަނީ 2000އަށް ވުރެ މަދުވެފަ އެވެ.

ސިޔާސީ މައިދާނުން ދުރަށް ވަޑައިގަތުމަށް ހަސަން ނިންމެވިއިރު، އެމަނިކުފާނުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވީ ވޯޓުލީ މީހުންގެ 23.34 ޕަސެންޓް ވޯޓެވެ. އެއީ 48131 ވޯޓެވެ.

ނަމަވެސް ސުޕްރީމް ކޯޓުން ބާތިލް ކުރި އިންތިހާބުގައި ގާސިމަށް ލިބުނު ވޯޓަށް ވުރެ އިއްޔެ ލިބުނު ވޯޓު މަދެވެ. އެގޮތުން 2291 ވޯޓު ގާސިމަށް މަދުވެ އެވެ. އޭރު ގާސިމަށް ލިބިވަޑައިގެންނެވީ 50،422 މީހުންގެ ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 24.07 ޕަސެންޓެވެ.