ފިޝަރީޒް މިނިސްޓްރީން ދަނޑުވެރިކަން ކުރުމަށް ފަޅުރަށްތަކެއް ދޫކުރުމަށް ހަމަޖެހިފައިވާތީ، މާލިއްޔަތު ކޮމެޓީން ވަކި ގޮތެއް އަންގަންދެން އެކަން ނުކުރުމަށް އެ މިނިސްޓްރީއަށް އަންގައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝަފީއުއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ސަރުކާރުގެ އިސް ފަރާތްތަކަކަށް ދަނޑުވެރިކަން ކުރުމަށް ފަޅުރަށްތަކެއް ދޫކުރުމަށް ހަމަޖެހިފައިވާ ކަމުގެ މައުލޫމާތު އެ ކޮމެޓީއަށް ލިބިފައިވާ ކަމަށެވެ. އަދި އެ ރަށްތަކުގައި ފަތުރުވެރިކަމުގެ ވިޔާފާރި ކުރުމަށް ހުއްދަ ދިނުމަށް ކެބިނެޓުން ފާސްކޮށްފައިވާ ކަމުގެ މައުލޫމާތު ވެސް މާލިއްޔަތު ކޮމެޓީއަށް ލިބިފައިވާތީ އެކަމާގުޅޭ ގޮތުން އެކޮމެޓީގައި މަޝްވަރާކޮށް ވަކި ގޮތެއް އަންގަންދެން އެކަމާ ގުޅޭ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް މާލިއްޔަތު ކޮމެޓީގެ މުގައްރިރު ވިދާޅުވެފައިވާ ކަމަށެވެ.

މާލިއްޔަތު ކޮމެޓީން ފިޝަރީޒް މިނިސްޓަރަށް އެކަމާ ގުޅޭގޮތުން ސިޓީއެއް ފޮނުވާފައިވާއިރު، ވަޒީރުންގެ މަޖިލީހުން މިދިޔަ ހަފްތާގައި ބޭއްވި ބައްދަލުވުމުގައި ވަނީ ދިގު މުއްދަތަށް ދަނޑުވެރިކަމުގެ މަސައްކަތަށް ދޫކުރާ ފަޅުރަށްރަށުގައި އިކޯ- އެގްރޯ ޓުއަރިޒަމްގެ ޚިދުމަތަށް ހުއްދަ ދޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އަށް ލަފާއަރުވާފަ އެވެ.

ވަޒީރުންގެ މަޖިލީހުގައި އެކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވަނީ ފިޝަރީޒް މިނިސްޓްރީން ހުށަހެޅި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.