10 Nov 2013, 11:18
ބްރަސަލްސް (ނޮވެމްބަރ 10) : ޔޫރަޕްގެ އިއްތިޙާދުގެ ގައުމެއް ކަމަށްވާ ބެލްޖިޔަމްގައި ފަލަސްތީން ޑިޕްލޮމެޓިކް ގޮތުން ތަމްސީލްކުރާ މިންވަރު ދައުލަތެއްގެ ފެންވަރަށް މައްޗަށް ޖައްސައި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އެގައުމުގެ ސަރުކާރުން ނިންމައި އެކަން އިޢްލާންކޮށްފިއެވެ.
މިކަމާބެހޭގޮތުން ނެރުނު ބަޔާނެއްގައި ބެލްޖިޔަމްގެ ޚާރިޖީ ވުޒާރާއިން ބުނީ އެގައުމުގެ ވެރިރަށް ބްރަސަލްސްގައި ހުންނަ ފަލަސްތީނުގެ ޑިޕްލޮމެޓިކް މިޝަން އެންބަސީގެ ފެންވަރަށް މަތިކޮށްއެގައުމުގައި ހުންނަވާ ފަލަސްތީނުގެ އިސް ޑިޕްލޮމޭޓަށް ސަފީރެއްގެ ދަރަޖަ ދިނުމަށް އެގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށާ މީގެފަހުން ޢަމަލުކުރަމުން ގެންދާނީ އެގޮތުގެ މަތިން ކަމުގައެވެ.
2012 ވަނަ އަހަރު އދ. ގެ ޖެނެރަލް އެސެމްބްލީގެ ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ވަނީ އދ. ގެ ފުރިހަމަ މެންބަރަކަށްނުވާ ދައުލަތެއްގެ ދަރަޖަ ފަލަސްތީނަށް ދިނުމަށް ނިންމާފައެވެ. އެނިންމުމަށް ތާއީދުކޮށް ވޯޓުދިން 170 އަށްވުރެ ގިނަ ގައުމުތަކުގެ ތެރޭގައި ބެލްޖިޔަމްވެސް ހިމެނެއެވެ. ބެލްޖިޔަމްގެ ޚާރިޖީ ވުޒާރާއިން ބުނީ އދ. ން ދައުލަތެއްގެ ދަރަޖަ ފަލަސްތީނަށް ދިނުމާއެކު ބްރަސަލްސްގައި ހުންނަ ފަލަސްތީނުގެ ޑިޕްލޮމެޓިކް މިޝަން އެންބަސީއަކަށް ބަދަލުކޮށް ފަލަސްތީނަކީ ދައުލަތެއް ކަމަށް ޑިޕްލޮމެޓިކް ގޮތުން ބަލައިގަތުމަށް އުސޫލެއްގެ ގޮތުން ނިންމާފައިވާ ކަމަށާ ނަމަވެސް އެކަން ތަންފީޒުނުކުރެވި ލަސްވެގެން ދިޔައީ ކަމުގައެވެ.
މިކަން ލަސްވެގެންދިޔައީ ފަލަސްތީނުގެ ސަރުކާރާއި ބެލްޖިޔަމްގެ ސަރުކާރާ ދެމެދު ފުރިހަމަކުރަންޖެހޭ އިޖުރާއީ ކަންތައްތަކެއް ފުރިހަމަ ކުރުން ލަސްވެގެން ކަމަށްވެސް ބެލްޖިޔަމްގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފައިވެއެވެ. ފަލަސްތީނަށް ދައުލަތެއްގެ ދަރަޖަ ދިނުމަށް ހުޅަނގުންވެސް ދެކޮޅު ހަދަނީ އެމެރިކާއާއި ކެނެޑާ ފަދަ ޔަހޫދީ ހަރުކަށި ޒަޔަނިސްޓުންގެ ޖަމާއަތްތަކުގެ ނުފޫޒުގެ ދަށުގައިވާ މަދުގައުމަކުންނެވެ. (އަލްޖަޒީރާ)