ޖެނީވާ (ނޮވެމްބަރު 10) : އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ބެހޭގޮތުން ދުނިޔޭގެ ހުޅަނގުގެ ބާރުތަކާއި އީރާނާދެމެދު ޖެނީވާގައި ބޭއްވި ވާހަކަތަކުގައި ކުރިއެރުންތަކެއް ލިބިފައިވީނަމަވެސް އެއްބަސްވުކަމަށް ނާދެވި ބައްދަލުވުން ނިންމާލައިފިއެވެ.

ބައްދަލުވުން ނިންމާލީ މިމަހުގެ 20 ގައި މީގެ ދެވަނަ ބައްދަލުވުމެއް ބޭއްވުމަށް އީރާނާއި ހުޅަނގުން އެއްބަސްވުމަށްފަހުގައެވެ. ޖެނީވާގެ ބައްދަލުވުން ކުރިޔަށްދިޔައީ އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާބެހޭ މައިގަނޑުކަންކަމުގައި އީރާން ކޮންމެވެސް ވަރެއްގެ ދޫތަކެއް ދިނުމުން އީރާނާދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުގެ ބައެއް އުވާލައި އެފިޔަވަޅުތައް ލުއިކޮށް ދިނުމުގެ ބޭނުމުގައެވެ. މީގެއިތުރުން އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާމެދު ހުޅަނގުންކުރާ ޝައްކުތައް ފިލުވާލައި އެޕްރޮގްރާމަށް ހުޅަނގުގެ އިތުބާރު ހޯދުމަކީވެސް މިބައްދަލުވުމުގެ މައިގަނޑު ބޭނުންތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ޖެނީވާގައި ކުރިޔަށްދިޔަ މިވާހަކަތަކަށް އިތުރު މުއްދަތެއް ބޭނުންވާ ކަމަށް އީރާނާއި ހުޅަނގުގެ މަސްއޫލުވެރިންވެސްއިޝަރާތް ކުރައްވާފައިވާއިރު މިބައްދަލުވުމުގެ އިތުރު ބުރެއް އެހެން ތާރީޚެއްގައި ބޭއްވިއްޖެނަމަ އެއްބަސް ވުމަކަށް އާދެވެދާނެ ކަމުގެ އުންމީދު ދެފަރާތުންވެސް ވަނީ ކުރިން ފާޅުކޮށްފައެވެ. އީރާން ބޭނުންވަނީ އެހެންގައުމުތަކެކޭވެސް އެއްގޮތަށް އެގައުމަށް ލިބިފައިވާ ނިއުކްލިޔަރ ހައްގެއް ކަމަށްވާ ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްޤު ނުގެއްލޭގޮތަށް އަދި މިހައްޤު އީރާނަށް ދިނުމަށް ހުޅަނގުގެ ބާރުތައް ގަބޫލުވާފަދަ ޙައްލަކަށް ދިޔުމަށެވެ. ހުޅަނގުގެ ބާރުތައް ބޭނުންވަނީ ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްޤު އީރާނަށް ނުލިބޭގޮތަށް އަދި އީރާނަށް ބޭނުންވާ ފައްކާކުރި ޔޫރޭނިޔަމް ބޭރުން ލިބޭނެގޮތަކަށް މައްސަލަ ޙައްލުކުރުމަށެވެ.

ނަމަވެސް ޔޫރޭނިޔަމް ފައްކާކުރާމިންވަރު 20 އިންސައްތައިން މައްޗަށް ނުގެންދިޔުމާއި އދ. ގެ ކަމާބެހޭ އިދާރާގެ ބެލުމުގެދަށުން ދެފުށްފެންނަގޮތަށް މިކަން ކުރިޔަށް ގެންދިޔުމަށް އީރާނުންވަނީ ހުށަހަޅާފައެވެ. ޖެނީވާގެ ބައްދަލުވުމުގައި ފަރަންސޭސި ޚާރިޖީ ވަޒީރު ލޯރެން ފެބިއުސް އާއި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވަނީ އެތަށް ގަޑީއިރަކު އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް އާ މަޝްވަރާކުރައްވާފައެވެ.

ފަރަންސޭސީ ޚާރިޖީ ވަޒީރު ވަނީހުޅަނގުގެ ބާރުތަކާ އީރާނާ ދެމެދު ކުރިއަށްދިޔަ ވާހަކަތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ނަމަވެސް މިކުރިއެރުންތައް އެއްބަސްވުމަކަށް ބަދަލުވާނެ ކަމުގެ ޔަޤީންކަން ފުރަތަމަ ބުރުގައި ނެތްކަމަށާ ދެވަނަ ބުރެއްގައި ހައްލަކަށް ދެވުމަކީ ގާތްކަމެއް ކަމުގައެވެ.ހުޅަނގުގެ ފަސްބާރު ކަމަށްވާ އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާ އަދި ޖަރުމަނުވިލާތުގެ އިތުރުން މިބައްދަލުވުމުގައި ޗައިނާ އާއި ރަޝިޔާއާއި ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ވަޒީރު ކެޓްރިން އެޝްޓަންވެސް މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވައެވެ. ނަމަވެސް މައިގަނޑު މަޝްވަރާތައް ކުރިޔަށްދަނީ ހުޅަނގުގެ ބާރުތަކާއި އީރާނާ ދެމެދުގައެވެ. ރަޝިޔާއާއި ޗައިނާގެ މަންދޫބުން ތަމްސީލް ކުރެއްވިނަމަވެސް އެދެގައުމުގެ ޚާރިޖީ ވަޒީރުން މިބައްދަލުވުމުގައި ބައިވެރިވެޑައިގެންފައެއް ނުވެއެވެ. (ރޮއިޓާސް)