10 Nov 2013, 11:14
މެނީލާ (ނޮވެމްބަރު 10) :ޕިލިޕީންސްގެ މެދުތެރޭ ސަރަހައްދުތަކަށް މިދިޔަ ހުކުރުދުވަހު އެރި ބާރުގަދަ ތޫފާން "ހައިޔާން" ގެ ސަބަބުން މަރުވި މީހުންގެ އަދަދު 10 ހާހަށް އަރާފާނެ ކަމުގެ ބިރުހީވެފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.
މިތޫފާންގެ ސަބަބުން މަރުވެފައިވާމީހުން ހަށިތައް ހޯދުމަށާއި ގެއްލިފައިވާ އެތަށް ހާސްބަޔަކު ހޯދުމަށް މަސައްކަތްކުރާ ފިލިޕީންސްގެ ސިފައިންނާއި ފުލުހުން ބުނީ ގެއްލިފައިވާ ގިނަމީހުންގެ ފެންނަމުންދަނީ މަރުވެފައިވާ ހަށިތައް ކަމަށެވެ. އަދި ބުނީ "ހައިޔާން" ގެ ސަބަބުން މަރުވި މީހުންގެ އަދަދު 10 ހާހަށް އަރާފާނެ ކަމުގެ ބިރު ވަރަށް ބޮޑުކަމުގައެވެ. މިހާތަނަށް ހާހެއްހާ މީހުން މަރުވެފައިވާކަން ވަނީ ކަށަވަރުވެފައެވެ.
"ހައިޔާން" ތޫފާން ފިލިޕީންސަށް އަރާފައިވަނީ ގަޑިއަކު 300 ކިލޯމީޓަރުގެ ގަދަވަޔާއެކުގައެވެ. އެތޫފާން އެރި ފިލިޕީންސްގެ މެދުތެރޭ ސަރަހައްދުތަކުގެ ގިނަ އިމާރާތްތަކެއް ވެއްޓި، ފެންބޮޑުވެ އަދި ބިންގަނޑު ކަނޑައިގެން ދިއުމުގެ އެތަށް ޙާދިސާތަކެއްވަނީ ހިނގާފައެވެ. މީގެއިތުރުން އެތަށް ސަރަޙައްދަކުން މުވާސަލާތީ ޚިދްމަތްތަކާއި ކަރަންޓްގެ ޚިދްމަތްތަކާއި ދަތުރުފަތުރުގެ ޚިދްމަތްތައް ކެނޑި ގައުމުގެ ބޮޑުސަރަހައްދެއްވަނީ ހުއްޓުމަކަށް އައިސްފައެވެ."ހައިޔާން" ގެ ސަބަބުން އެތަށް ލައްކަބަޔަކު ޙާލުގައި ޖެހިފައިވާއިރު ހާލުގައި ޖެހިފައިވާ މީހުން ސަލާމަތް ކުރުމާއި އެމީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ފިލިޕީންސް ސިފައިންގެ ލަޝްކަރުތަކުން ކުރަމުންދާކަމަށް ޚަބަރުލިބެއެވެ.
ފިލިޕީންސަކީ އެވްރެޖްކޮށް އަހަރަކު ވިއްސަކަށް ތޫފާން އަރާ ގައުމެއް ނަމަވެސް މިއީ މިހާތަނަށް އެގައުމަށް އެރި އެންމެ ބާރުގަދަ ތޫފާން ކަމަށް ޚަބަރުލިބެއެވެ. މިއަހަރުވެސް ބާރަވަރަކަށް ތޫފާން ފިލިޕީންސަށް އަރާފައިވާއިރު މީގެތެރޭގައި ބާރުގަދަ ދެ ތޫފާނެއް ހިމެނެއެވެ. 2011 ވަނަ އަހަރު ފިލިޕީންސަށްއެރި "ވާޝީ" ނަމަކަށްކިޔާ ތޫފާންގައި ބާރަސަތޭކަ މީހުން މަރުވެ ތިންލައްކައަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި ޙާލުގައި ޖެހިފައިވެއެވެ. (ރޮއިޓާސް)