ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހު ބަދަލުކުރަން އުޅުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ކޮމަންވެލްތުން ބުނެފި އެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމުމުން، ކޮމަންވެލްތުން ނެރުނު ބަޔާނުގައި ބުނީ ރިޔާސީ އިންތިހާބެއް ކަހަލަ ސީރިއަސް ކަމެއްގައި ވޯޓްލާ މީހުންނަށް ލަފާކުރުމުގެ ފުރުސަތު ބޮޑުވާން ޖެހޭނެ ކަމަށެވެ.

"އިންތިހާބު ބޭއްވުމަށް އެއްބަސްވެފައިވާ ތާރީހު ބަދަލުކުރުމަށް ޕާޓީތަކުން ޑިމާންޑް ކުރުމަކީ އިންސާފުވެރި ކަމެއް ނޫނެވެ. އަދި އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ރިޔާސީ އިންތިހާބު ކަހަލަށް ސީރިއަސް ކަމެއްގައި ލަފާކުރުމުގެ ފުރުސަތު ވޯޓްލާ މީހުންނަށް މިއަށް ވުރެ ބޮޑަށް ލިބެން ޖެހެއެވެ،" ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާ ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހާއްސަ މަންދޫބު ޑޮން މެކިނަން ވިދާޅުވި ކަމަށް ބަޔާނުގައިވެ އެވެ.

ބަޔާނުގައި އަދި ބުނެފައި ވަނީ އިތުރު ލަހެއް ވެއްޖެ ނަމަ ވޯޓްލާ މީހުންނަށް އިތުރު ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނަށް އަންނަ ޑިމާންޑްތައް ގިނަވެ، ރާއްޖޭގެ ޑިމޮކްރެޓިކް މުއައްސަސާ ތަކާ މެދު ރައްޔިތުންގެ އިތުބާރު ކުޑަވެގެންދާނެ ކަމަށް ވެސް މެކިނަން ވިދާޅުވެފައިވެ އެވެ.