ޏ. ފުވައްމުލަކު ވަލު ތެރޭގައި ރާ ކައްކަމުން ދިޔަ މީހަކާއި މަސްތުވާތަކެތީގެ ހަތަރު މައްސަލައެއްގައި ހަތް މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.


ފުލުހުންގެ އޮފިޝަލު ވިދާޅުވީ މިދިޔަ ބުދަ ދުވަހު ފުވައްމުލަކު ދިގުވާޑު އަވަށުގެ ވަލުތެރޭ ޗަސްބިން އޮންނަ ހިސާބުގައި ރާ ކައްކަނިކޮށް ހައްޔަރު ކުރީ އެ ރަށު ހޯދަޑުގޭ މުހައްމަދު އިބްރާހީމް ކަމަށެވެ. ފުލުހުން ބުނީ އެ ސަރަހައްދަށް ފުލުހުން ދިއުމުން އޭނާ ފިލަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނެވިފައިވާ ކަމަށެވެ.


ފުލުހުން ބުނީ، ފުލުހުން އެ ރަށުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ފުވައްމުލަކުގައި ދިރިއުޅޭ ގއ. ނިލަންދޫ ވިދުވަރުގޭ ޔާމީން މުހައްމަދު އަތުލައުގަތީ، އޭނާ މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅޭ ކަމުގެ މަޢުލޫމާތު ފުލުހުން ލިބި، އޭނާ ހޯދަމުން ދަނިކޮށް ކަމަށެވެ. އަދި ފުލުހުން ބުނީ، ފުލުހުންނަށް އޭނާ ފެނުމުން އޭނާ އަތުގައި އޮތް، މަސްތުވާތަކެތި އަޅާފައި ހުރި، 25 ރަބަރު ޕެކެޓް އެއްލާލާފައި ފިލަން މަސައްކަތް ކުރި ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށް ފުވައްމުލަކުގައި އޭނާ ދިރިއުޅޭ ގެ ބަލާ ފާސްކުރި ކުރުމުން މަސްތުވާތަކެތި އަޅާފައި ހުރި ބޮޑެތި ޕެކެޓްގެ ހަތަރު ޕެކެޓާއި މަސްތުވާތަކެތި އަޅާފައި ހުރި ކުދި ރަބަރު ޕެކެޓްގެ 191 ޕެކެޓް އިތުރަށް ފެނިފައިވާ ކަމަށެވެ.


އޮފިޝަލު ވިދާޅުވީ އެ މައްސަލައިގައި އޭނާ އާ އެކު އެގޭގައި ދިރިއުޅޭ އިތުރު ދެ މީހަކު ވެސް ހައްޔަރު ކޮށްފައިވާ ކަމަށެވެ.


ފުލުހުންގެ އޮފިޝަލު ވިދާޅުވީ ބުދަ ދުވަހުގެރޭ ވެސް މަސްތުވާތަކެއްޗާ އެކު ދެ މީހަކު ފުވައްމުލަކުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މިއަދު ވެސް މަސްތުވާތަކެތީގެ މައްސަލަ އެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.


ފުވައްމުލަކުގައި މި ދުވަސް ވަރު އާދަޔާ ޚިލާފަށް މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވުމާއި ގުޅިގެން ފުލުހުން އަންނަނީ ރަށު ތެރެ ބެލެހެއްޓުމުގެ ގޮތުން ޚާއްސަ އޮޕަރޭޝަންތައް ހިންގަމުން ނެވެ.