10 Nov 2013, 05:34
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.
ސުޕްރީމް ކޯޓުން މިފަދަ އަމުރެއް ނެރެފައި މިވަނީ އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މިއަދު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފައި ވަނިކޮށެވެ.
ސުޕްރީމް ކޯޓަށް ސ. ހިތަދޫ، ލާމިގޭ މޫސާ އަންވަރާއި ގ. ވަށަފަރު، އަހުމަދު ޣާލިބުގެ ފަރާތުން "ޕަބްލިކް އިންޓަރެސްޓް ލެޓިގޭޝަން" މައްސަލައެއްގެ ގޮތުގައި ހުށަހަޅައިފައިވާ އެ މައްސަލަ ބުނެފައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބޭއްވުމަށް އަންނަ ހޮނިހިރު ދުވަހަކީ އެންމެ އެކަށީގެންވާ ދުވަސް ކަމުގައި ފެންނާނީ އިންތިހާބު އެ ދުވަހު ބާއްވުމަށް އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ އެންމަހާ ފަރާތްތަކަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ސުޕްރީމް ކޯޓުން މި މައްސަލައިގައި ނެރެފައިވާ ކޯޓުގެ އަމުރުގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނޮވެމްބަރު 9ގައި ބޭއްވިއިރު އެ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ވަގުތަކީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާ އިން ލިބިދޭ އަސާސީ ހައްގުތައް ފުރިހަމަ ގޮތުގައި ލިބިގަތުމަށް އެކަށިގެންވާ ވަގުތެއް ނޫން ކަމަށް ގަބޫލްނުކުރެވޭ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ނޮވެމްބަރު 9ގައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވުމަށް ފަހު ދެވަނަ ބުރެއް ނޮވެމްބަރު 10 ގައި ބާއްވަން ނިންމީ ނޮވެމްބަރު 11 ގެ ފަހުން އާ ރައީސަކު ވެރިކަމާ ހަވާލުނުވެއްޖެ ނަމަ ދިވެހި ގައުމު ގާނޫނީ ހުސްކަމެއްގެ ތެރެއަށް ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާތީ ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް އެކަމުގެ ހައްލު އެކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ހޯދައި ދީފައިވާނެ ކަމަށް ވެސް ކޯޓުގެ އަމުރުގައިވެ އެވެ.
އެ މައްސަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުމުމުގައި ބުނެފައި ވަނީ ނޮވެމްބަރު 11ގެ ކުރިން އާ ރައީސަކު އިންތިހާބު ނުވެއްޖެ ނަމަ ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ސަރުކާރު ދެމި އޮންނާނެ ކަމަށެވެ.
ކޯޓުން މިރޭ ފަތިހު ކުރި އަމުރުގައި ބުނެފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ކުރިން އިންތިހާބު ބާއްވަން މަސައްކަތް ކުރި ނަމަވެސް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އިލެކްޝަންސް ކޮމިޝަނަށް އެއްބާރުލުން ދީގެން ނުވާނެ ކަމަަށެވެ. އަދި އެއީ ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ކޯޓުގެ އަމުރުގައި ފާހަގަކޮށްފައިވެ އެވެ.