އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް 51 ޕަސެންޓް އަށް ވާވަރަށް ވޯޓް ލިބިފައި ނުވާތީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް މިއަދު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށްޓަކައި މިއަދު ފަތިހު ދަރުބާރުގޭ ހަކުރާ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ މިއަދު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓް ލުމުގެ ކަންތައްތައް ރާއްޖޭގައި ފެށިގެން ދާނީ ހެނދުނު 11.00ގައި ކަމަށެވެ. އަދި ވޯޓް ލުން ނިމޭނީ ރޭގަނޑު 7.30ގައި ކަމަށް ފުއާދު ވިދާޅުވި އެވެ.

ލަންޑަނުގައި ވޯޓުލާން ފަށާނީ އެތަނުގެ ގަޑިން ހެނދުނު 9:00 ގަ އެެވެ. އަދި ލަންޑަންގައި ވޯޓުލުން ނިންމާނީ މިއަދު ހަވީރު 5:30 ގަ އެވެ. މީގެ އިތުރުން އިންޑިއާ އާއި ލަންކާގައި ވޯޓުލާން ފަށާނީ އެ ތަނުގެ ގަޑިން ހެނދުނު 9:30ގައި ކަމަށް ފުއާދު ވިދާޅުވި އެވެ. އަދި މެލޭޝިއާ އާއި ސިންގަޕޫރާއި މެލޭޝިއާގައި ވޯޓުލާން ފަށާނީ އެތަނުގެ ގަޑިން މެންދުރު 12:00ގައި ކަމަށް އޭނާ ވިދާޅުވި އެވެ. ކޮންމެ ތަނެއްގައި ވެސް ވޯޓުލުމަށް އަށް ގަޑިއިރާއި 30 މިނިޓް ދޭނެ ކަމަށް ފުއާދު ވިދާޅުވި އެވެ.

މިއަދު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން ނިންމިއިރު އިންތިހާބުގައި ދެވަނަ ބުރަށް ގޮސްފައިވާ ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ފަރާތުން ދެވަނަ ބުރުގައި ވޯޓް ލުމުގެ ހައްގުލިބިގެންވާ މީހުންގެ ހުރިހާ ލިސްޓެއްގައި ސޮއި ކޮށްފަ އެއް ނުވެއެވެ.