10 Nov 2013, 04:00
މިއަދު އަލުން ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަން އިން މިރޭ އިއުލާން ކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަންއިން މިރޭ އިއުލާން ކުރި ނަތީޖާ ދައްކާ ގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ ވޯޓުލީ މީހުންގެ 46.93 ޕަސެންޓް ވޯޓެވެ. އެއީ 96،747 ވޯޓެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވީ ވޯޓުލީ މީހުންގެ 29.73 ޕަސެންޓް ވޯޓެވެ. އެއީ 61،295 ވޯޓެވެ. ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް ލިބިވަޑައިގަތީ 23.34 ޕަސެންޓް ވޯޓެވެ. އެއީ 48،131 ވޯޓެވެ.
ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި 95،224 މީހުންގެ ވޯޓާ އެކު އިންތިހާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯއްދެވީ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދަށް ލިބިފައި ވަނީ ވޯޓުލީ މީހުންގެ 45.45 ޕަސެންޓެވެ. އިންތިހާބުން ދެވަނާގައި އުޅެނީ 53،099 މީހުންގެ ވޯޓާ އެކު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ. އެއީ ވޯޓުގެ 25.35 ޕަސެންޓެވެ. ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ލިބިވަޑައިގަތީ 50،422 މީހުންގެ ވޯޓެވެ. އެއީ ވޯޓުގެ 24.07 ޕަސެންޓެވެ.
ފުއާދު ވިދާޅުވީ މިއަދު ބޭއްވި ރިޔާސީ އިންތިހާބުގައި އެއް ވެސް ކެންޑިޑޭޓަކަށް 51 ޕަސެންޓް ލިބިފައި ނުވާތީ ކުރިން ވެސް އެ ކޮމިޝަންއިން ނިންމާފައިވާ ގޮތަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މާދަމާ ބާއްވަން ޖެހިދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މާދަމާ އިންތިހާބުގެ ދެ ވަނަ ބުރު ބާއްވު ކަމުގައި ވިޔަސް ވޯޓުލާން ފަށާ ގަޑި ލަސްވުން އެކަށީގެންވާ ކަމަށެވެ.
މާދަމާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބޭވުމަށް އިލެކްޝަންސް ކޮމިޝަން އިން ،މަސައްކަތް ކުރަމުންދާއިރު ހަމައެކަނި ހުރަހަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ފަރާތުން ސޮއި ކޮށްފައި ނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މިހާތަނަށް ޕީޕީއެމް އިން ސޮއި ކޮށްފައި ވަނީ ރާއްޖޭން ބޭރުގައި ބަހައްޓާ ފޮށިތަކަށް ވޯޓު ލާ މީހުންގެ ލިސްޓުތަކުގަޔާއި ނ. އަތޮޅުގެ ބައެއް ލިސްޓުތަކުގައި ކަމަށް ފުއާދު ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓް ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުގައި ޕީޕީއެމް އިން ސޮއި ނުކުރާނެކަން ވެސް އަދި ނުކުރާނެކަން ވެސް އިންތިހާބުގެ ފަހުން އެ ކޮމިޝަނަށް ރަސްމީކޮށް އަންގާފައި ނުވާ ކަމަށެވެ.
ފުއާދު ސަން އަށް ވިދާޅުވީ ސްޕްރީމް ކޯޓުން ވަކި ގޮތެއް އަންގަންދެން މާދަމާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމުގެ މަސައްކަތް އެ ކޮމިޝަންއިން ކުރިއަށް ގެންދާނެ ކަމަށެވެ.