ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މާދަމާ ބޭއްވުމަށް އެމްޑީޕީން ގޮވައިލައިފި އެވެ.

އެމްޑީޕީން މިރޭ ނެެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ގާނޫނު އަސާސީ އިން ނޮވެމްބަރު 11ގައި އިންތިހާބީ އާ ރައީސެއް ހުންނަން ޖެހޭނެ ކަމަށް ބުނެފައިވުމާއި ޕާޓީތަކުންނާއި އިލެކްޝަންސް ކޮމިޝަނުން ވެސް މާދަމާ އިންތިހާބު ބޭއްވުމަށް އެއްބަސްވެފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މާދަމާ ނުބާއްވައިފި ނަމަ ރައްޔިތުންގެ ހައްގުތަކެއް ނިގުޅައިގަނެ ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ތާރީހަށް ރައްޔިތުން އިންތިހާބު ކޮށްފައިވާ ރައިސުލްޖުމްހޫރިއްޔާ ނުހުރެދާނެތީ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ގާނޫނު އަސާސީ އަށް އިހްތިރާމް ކުރެއްވުމަށާއި ރައްޔިތުންނަށް އެބައި މީހުންގެ ވޯޓުލުމުގެ ހައްގު ހޯދައިދިނުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލަމެވެ." ނޫސް ބަޔާނުގައިވެ އެވެ.

ނޮވެމްބަރު 9ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ އިތުރުން އެންމެ އެންމެ ގިނަ ވޯޓް ލިބިވަޑައިގެންނެވި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ޔާމީން އަބްދުލްގައްޔޫ މަށް އެމްޑީޕީން ވަނީ މަރުހަބާ ކިޔަފަ އެވެ. އަދި ތިން ވަނަ ލިބިވަޑައިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމަށް ވެސް އެމްޑީޕީން ވަނީ މަރުހަބާ ކިޔައިފަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މާދަމާ ބޭއްވުމަށް އެމްޑީޕީން ގޮވާލައިފައިވާ އިރު ދެވަނަ ބުރުގައި ވޯޓްލާ މީހުންގެ ލިސްޓުގައި ޕީޕީއެމާއި ޖުމްހޫރީ ޕާޓީން ސޮއިކޮށްފައި ނުވާތީ، މާދަމާ އިންތިހާބު ބޭއްވޭނެ ކަމުގެ އުއްމީދު ކުޑަވެފައިވާ ކަމަށް ވެސް އިލެކްޝަނުން ވަނީ ބުނެފަ އެވެ.