އިސްރާއީލާއި އެމެރިކާ އިން ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަން ސައިންސް އެންޑް ކަލްޗާ އޯގަނައިޒޭޝަން (ޔުނެސްކޯ) އިން ނަގާ ވޯޓްތަކުގައި ބައިވެރިވެ، ވޯޓް ދިނުމުގެ ހައްގު އެޖަމާއަތުން ސަސްޕެންޑްކޮށްފި އެވެ.

ޔުނެސްކޯ އިން އެގޮތަށް ނިންމީ ފަލަސްތީނަށް އެ ޖަމާއަތަށް ދައްކަން ޖެހޭ ޗަންދާ ނުދައްކާތާ ދެ އަހަރުވުމުންނެވެ. އެ ދެ ގައުމުން ޔުނެސްކޯއަށް ދައްކަން ޖެހޭ ޗަންދާ ދެއްކުން ހުއްޓާލީ ފަލަސްތީނަށް އެ ޖަމާއަތުގެ ފުރިހަމަ މެމްބަރުކަން ދިނުމުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

އެމެރިކާ އިން ޔުނެސްކޯއަށް ޗަންދާ ނުދެއްކުމުގެ ބަހަނާއެއްގެ ގޮތުން ދައްކާފައި ވަނީ ފަލަސްތީނު ބަލައި ގަންނަ އެއްވެސް ޖަމާއަތަކަށް ނުވަތަ ޖަމާއަތަކަށް ހަރަދުކުރުން މަނާކޮށް އެގައުމުގައި ފާސްކޮށްފައިވާ ގާނޫނެކެވެ.
އިސްރާއީލުން ބުނެފައި ވަނީ އެ ޖަމާއަތުން ޔުނެސްކޯ އަށް ހަރަދުނުކުރަނީ އެގައުމާ ވާހަކަ ނުދައްކަގައި ފަލަސްތީނުން މިނިވަން ދައުލަތަކަށް ވުމަށް މަސައްކަތް ކޮށްފައިވާތީ ކަމަށެވެ.

ޔުނެސްކޯގެ ފަރާތުން ރޮއިޓާސްއާ ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވެފައިވާ ކަމަށް އެ އެޖެންސީން ބުނީ ދެގައުމުން ވެސް މިހާތަނަށް ނުދައްކައި އޮތް ޗަންދާ ދައްކަން ޖެހޭ މުހުލަތު ހުކުރު ދުވަހު ހަމަވެފައިވާ ކަމަށެވެ. އަދި އެމުހުލަތު ހަމަވާ އިރު ޗަންދާ ނުދައްކާ އޮތުމުން ވޯޓްދިނުމުގެ ހައްގު އޮޓަމެޓިކުން ސަސްޕެންޑްވާނެ ކަމަށެވެ.

ވޯޓްދިނުމުގެ ހައްގު ސަސްޕެންޑް ވުމާ ގުޅޭ ގޮތުން ރޮއިޓާސް އިން ސުވާލު ދެންނެވުމުން، އެމެރިކާއިން ޔުނެސްކޯއަށް ކަނޑައަޅާފައިވާ ސަފީރު ޑޭވިޑް ކިލިއަން ވިދާޅުވެފައި ގޮތަކަށް ޔުނެސްކޯއާ ގުޅިގެން މަސައްކަތް ކުރުން އެގައުމުން ކުރިއަށް ގެންދާނެ ކަމަށެވެ.

"ރަނގަޅު މުސްތަގުބަލެއް ބިނާ ކުރުމުގައި ޔުނެސްކޯއަކީ ވަރަށް މުހިއްމު ބައިވެރިއެއް، އަހަރެމެން ގަސްދުކުރަނީ ޔުނެސްކޯއާ އޮންނަ ބައިވެރިވުން ކުރިއަށް ގެންދެވެން އޮތް ކޮންމެ ގޮތަކަށް ވެސް ކުރިއަށް ގެންދަން." ކިލިއަން ވިދާޅުވި ކަމަށް ރޮއިޓާސް ބުންޏެވެ.

ދުނިޔޭގެ ތަރިކަތައް ހިމާޔަތްކުރުމާއި ތައުލީމާއި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމަކީ ޔުނެސްކޯގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެމެރިކާ އިން މިހާތަނަށް ދައްކަން ޖެހޭ ފައިސާގެ އަދަދަކީ 240 މިލިޔަން ޑޮލަރެވެ. އެއީ އެ ޖަމާއަތުގެ އާމްދަނީގެ 22 ޕަސެންޓެވެ.

އެފައިސާ ނުދެއްކުމުގެ ސަބަބުން ޔުނެސްކޯގެ ބައެއް ހަރަކާތްތައް ހުއްޓާލަން ވަނީ ޖެހިފަ އެވެ.