މިއަދު ބޭއްވި މިއަހަރުގެ ރިޔާސީ އިންތިހާބުގެ ހާމަކަމާއި ރައްޔިތުންގެ ބައިވެރިވުން އިތުރުވެފައިވާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ.

ރިޔާސީ އިންތިހާބުގެ ކަންތައްތައް ބެލުމަށް ފަހު ޓްރާންޕޭރެންސީ މޯލްޑިވްސް އަށް ފާހަގަ ކުރެވުނު ކަންތައްތައް ހާމަ ކުރަމުން އެ ޖަމިއްޔާ އިން ބުނެފައި ވަނީ ހާމަކަމާއި ބައިވެރިވން އިތުރުވީ އޮބްޒާވް ކުރުމަށް ކުރި މަސައްކަތުން ކަމަށެވެ.

އިންތިހާބާ ބެހޭ ގޮތުން ޓްރާންސްޕޭރެންސީން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ވޯޓްލާ މަރުކަޒުތަކުގެ ތެރެއިން ގިނަ މަރުކަޒުތައް ކަނޑައަޅާފައިވާ ވަގުތަށް ބަންދުކުރުން ހިމެނެ އެވެ.

ވޯޓްލާ މަރުކަޒުގައި މާރާމާރީ ހިންގާފައި ވިޔަސް އިންތިހާބަކީ ސުލްހަވެރި އިންތިހާބެއްގެ ގޮތުގައި ފާހަގަކުރާ ކަމަށް ވެސް ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ބުނެފައި ވަނީ މާރާމާރީ ހިންގި މައްސަލަ ކަމާ ބެހޭ އިދާރާއާ ހިއްސާކޮށްފައިވާ ކަމަށާއި އެކަން ގާތުން ބަލަމުން ދާނެ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.
ފާހަގަކޮށްފައިވާ އަނެއް ކަމަކީ ވޯޓްލާ މަރުކަޒުތަކުގެ ތެރެއިން ގިނަ ތަންތަނުގައި ކެންޑިޑޭޓުންގެ މަންދޫބުން ހާޒިރުވެ ތިބުމެވެ.

މިއަދުގެ އިންތިހާބުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވެފައިވާ ކަމަށް ޓްރާންސްޕެރެންސީން ބުނި ނަމަވެސް މިއަދު ވޯޓްލާން ނުކުތް މީހުންގެ އަދަދު މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވ، އަދި ސުޕްރީމްކޯޓުން ބާތިލުކުރި އިންތިހާބުގައި ވޯޓްލާން ނުކުތް މީހުންނަށް ވުރެ މިއަދު ވޯޓްލާން ނުކުތް މީހުން އަދަދު ވަނީ މަދުވެފަ އެވެ.