10 Nov 2013, 03:06
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ތައްޔާރު ވުމުގެ ގޮތުން ޖުމްހޫރީ ގުޅުމުގެ ތާއީދު ހޯއްދެވުމަށް ޓަކައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ޖުމްހޫރީ ކޯލިޝަން ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްއާ ބައްދަލުކުރައްވައިފި އެވެ.
ޖުމްހޫރީ ގުޅުމުގެ ކެމްޕޭން މައި އިދާރާ މ. ކުނޫޒުގައި މިރޭ ބޭއްވި އެ ބައްދަލު ކުރެއްވުމުގައި ޕީޕީއެމް، އެމްޑީއޭ ކޯލިޝަންގެ އިސް ވެރިންނާއި ޖުމްހޫރީ ގުޅުމުގެ އިސްވެރިން ބައިވެރިވެވަޑައި ގަތެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމްގެ ތަރުޖަމާނު އިބްރާހީމް ޚަލީލު ވިދާޅުވީ، އެ ބައްދަލުވުމަކީ ޕީޕީއެމްގެ ފަރާތުން ތާއީދު ހޯއްދެވުމަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތެއް ކަމަށެވެ.
"މިރޭ ޖުމްހޫރީ ކޯލިޝަންގެ ލީޑަރު މިތަނުގައި [ކުނޫޒުގައި] ބައްދަލުވުމެއް ހިނގަމުން ދަނިކޮށް، އޮނަރަބްލް އަބްދުﷲ ޔާމީނާއި އެ ބޭފުޅާގެ ރަނިންމޭޓް އަދި އެ ޕާޓީގެ އެހެން މެންބަރުން މިތަނަށް ވަޑައިގެންނެވީ. އަޅުގަނޑުމެންނަށް އެކަން ފާހަގަކުރެވިގެން ދިޔައީ އިހްތިރާމްގެ ޒިޔާރަތެއްގެ ގޮތުގައި. ދެން އެކަން ދިމާވީ އިންތިހާބުގެ ނަތީޖާ އައިގޮތުން ދެން އަޅުގަނޑުމެން ކަންތައްތައް ކުރާނެ ގޮތަކާ މެދު މަޝްވަރާތަކެއް ހިނގަމުން ދިޔަ ވަގުތަކާ. ދެން އަޅުގަނޑުމެން އޮނަރަބްލް އަބްދުﷲ ޔާމީންގެ ޓީމާ ބައްދަލުކުރީ. ދެން އެބޭފުޅުން ވެސް އިހްތިރާމްގެ ޒިޔާރަތެއްގެ ގޮތުގައި ބައްދަލުކުރެއްވީ. ދެން އެބޭފުޅުން ވަޑައިގެންނެވީ ތާއީދު ހޯއްދެވުމަށް،" ޚަލީލް ވިދާޅުވި އެވެ.
ޚަލީލު ވިދާޅުވީ، ޔާމީންގެ ޓީމުގެ ފަރާތުން ޖުމްހޫރީ ކޯލިޝަންގެ ތާއީދު ހޯއްދެވުމަށް ހުށަހެޅުއްވި ކަމަށާއި އެހެން ނަމަވެސް ޖުމްހޫރީ ކޯލިޝަނަކީ ވަކި ބޭނުމަކަށް އެކުލަވައިލެވުނު ކޯލިޝަނެއް ކަމުން ގޮތެއް ނިންމާނީ އެ ކޯލިޝަންގައި ހިމެނޭ ޕާޓީތަކާ ވެސް މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.
"ޖުމްހޫރީ ކޯލިޝަނަކީ އޮނަރަބްލް ގާސިމް އިބްރާހީމްއާއި ޑރ. ހަސަން ސައީދު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި އުފެދުނު ކޯލިޝަނެއް. އެކަން އެހާހިސާބުން މިވަނީ ނިމިފައި. މިހާރު ކޮންމެ ޕާޓީއަކުން ވެސް އެޕާޓީއެއްގެ ކައުންސިލްގައި އެޕާޓީއަކުން މޫވްކުރާނީ ކިހިނެއްތޯ އެބަ ނިންމަން ޖެހޭ، އެއްކޮށް ދަނީތޯ ވަކިން އޮންނާނީތޯ އަދި ކޮންބަޔަކަށްތޯ ތާއީދު ކުރާނީ. ދެން މިރޭ އަޅުގަނޑުމެން މި ހިނގާދިޔަ ބައްދަލުވުމުގައި އެއްވެސް ބަޔަކަށް ތާއީދު ކުރާކަށް އަދި އެއްވެސް ބަޔަކާއެކީ ކުރިއަށްދާކަށް ނިންމާފައެއް ނެތް،" ޚަލީލު ވިދާޅުވި އެވެ.
އެ ބައްދަލުވުމާ ބެހޭ ގޮތުން ޕީޕީއެމްގެ ފަރާތުން މައުލޫމާތު ދެއްވަމުން އެޕާޓީގެ ސްޕޯކްސް ޕާސަން އަޙްމަދު މަހްލޫފު ވިދާޅުވީ، ރައީސް ނަޝީދަށް ނުވަތަ އެމްޑީޕީއަށް ވެރިކަން ލިބުނަ ނުދިނުމަށްޓަކައި ކުރެވޭ މަސައްކަތުގައި ޖުމްހޫރީ ކޯލިޝަންގެ ތާއީދު ވަރަށް މުހިއްމު ކަމަށެވެ.
"އަޅުގަނޑުމެން ޕީޕީއެމްގެ ފަރާތުން ވަރަށް ބޮޑަށް ގަބޫލުކުރަން މިއަދު ޖުމްހޫރީ ކޯލިޝަންގެ ފަރާތުން މިވަނީ ދިވެހި އެތައް ރައްޔިތުންގެ ތާއީދު ހޯއްދަވާފައި. ހަމަ ގައިމު ވެސް ދިވެހި ރާއްޖޭގެ 2013 ވަނަ އަހަރުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކަށް ޖުމްހޫރީ ގުޅުމުގެ ތާއީދު ކޮންމެހެން ވެސް އެބަ ބޭނުންވޭ،" މަހްލޫފު ވިދާޅުވި އެވެ.
މަހްލޫފު ވިދާޅުވީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންގެ ވާހަކަފުޅު ވެސް ހުރީ ވަރަށް "ޕޮޒިޓިވް"ކޮށް ކަމަށާއި އަދި ހުރިހާ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު މާދަމާގެ ވަގުތެއްގައި ގޮތެއް ނިންމަވާނެ ކަމަށެވެ.
"އަޅުގަނޑުމެން ދިވެހިން މިތިބީ ކެތްމަދުވެފަ ފެންބޮވައިގެންފައި. އެހެންވީމާ ކުޑަކޮށް ވެސް މިކަމަށް ލަސްކުރުމެއް ނެތި، ހަމަ ވަގުތު ނަގާނުލައި މި މަސައްކަތާއިގެން ކުރިއަށް ދިއުމަށް އަޅުގަނޑުމެން މިހާ އަވަހަށް އައިސް މި މަސައްކަތް ފެއްޓީ،" މަހްލޫފު ވިދާޅުވި އެވެ.
ޕީޕީއެމްއިން ވެސް އަދި ޖުމްހޫރީ ކޯލިޝަނުން ވެސް ބުނީ، ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކެއްގެ ކައުންސިލްތަކުން ނިންމާ ގޮތެއް ބަލާފައި މާދަމާގެ ވަގުތެއްގައި އެ ފަރާތްތަކުގެ ނިންމުން ހާމަކުރާނޭ ކަމަށެވެ.