10 Nov 2013, 02:31
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު މާދަމާ ނުބޭއްވުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް މޫސާ އަންވަރު އާއި ގ. ވަށަފަރު އަހްމަދު ޣާލިބު ހުށަހެޅުއްވި އެ މައްސަލައިގެ އަޑުއެހުން ބާއްވާފައި ވަނީ މިރޭ 12:00 އެހާކަންހާއިރު އެވެ.
ގިނަ ގަޑިއިރުތަކަށް ދިގު ދެމިގެން ދިޔަ އެ ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ހުށަހަޅުއްވަމުން މައްސަލަ ހުށަހެޅި ފަރާތްތަކުގެ ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހީމް ވިދާޅުވީ އިންތިޚާބީ ޝަކުވާގެ ފުރުސަތު ނުލިބޭގޮތަށް މާދަމާ އިންތިޚާބު ބާއްވަން ނިންމުމަކީ ޣައިރު ޒިންމާދާރު ނިންމުމެއް ކަމަށެވެ.
މާދަމާ އިންތިޚާބު ބާއްވައިފި ނަމަ އެތަކެއް ރައްޔިތުންގެ ވޯޓުލުމުގެ ހައްގުން މަހުރޫމްވެގެންދާނެ ކަމަށް ވެސް ވައްޑޭ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މިރޭ ވަނީ އިލެކްޝަންސް ކޮމިޝަންގެ ވަކީލުންނާ ގިނަ ސުވާލުތަކެއް ކުރައްވާފަ އެވެ. އެގޮތުން އިންތިޚާބުގެ ނަތީޖާ އިއުލާންކޮށްފައިވޭތޯ ދެންނެވުމުން އިލެކްޝަންސް ކޮމިޝަންގެ ވަކީލާ މަރިޔަމް ހަނީފާ ޚާލިދު ވިދާޅުވީ ވަގުތީ ނަތީޖާ އިއުލާން ކުރެއްވިކަން އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ގަބޫލުކުރެވޭ ގޮތުގައި ވަގުތީ ނަތީޖާ ވަނީ އިއުލާންކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފަނޑިޔާރުންގެ ސުވާލުތަކަށް ފަހު އެ މައްސަލައާ ގުޅިގެން ވާހަކަ ދައްކަވަމުން ވައްޑޭ ވިދާޅުވީ ދެވަނަ ބުރު ބާއްވަން ވާނީ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ފަހު ކަމަށާއި ވަގުތީ ނަތީޖާ އަކީ ބަދަލުއަތުވެދާނެ އެއްޗެއް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ވަކީލާ ހަނީފާ ޚާލިދު ވިދާޅުވީ މާދާމާ އިންތިޚާބު ނުބޭއްވިއްޖެ ނަމަ ކޮމިޝަނުން ކުރަން ޖެހޭ ޚަރަދުތައް އިތުރުވެގެންދާނެ ކަމަށެވެ.