ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މާދަމާ ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވެސް ފުރިހަމަ އަށް ތައްޔާރު ވެފައި ނުވާ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންތިޚާބުގައި ވާދަކުރެއްވި ތިން ކެންޑިޑޭޓުންގެ ތެރެއިން ދެވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ދެވަނަ ބުރުން ޖާގަ ހޯއްދަވާފައިވާ ޔާމީން ވިދާޅުވީ، އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މާދަމާ ބާއްވަން އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ އިރު އެ ކޮމިޝަން ވެސް އޮތީ އެކަމަށް ފުރިހަމައަށް ތައްޔާރު ނުވެ ކަމަށެވެ.

"އިލެކްޝަނުން މިހާތަނަށް ކަންތައް ކުރަށްވާފައި އެއޮތީކީ އަޅުގަނޑުމެންނަށް ވޯޓު ލިސްޓުގައި ސޮއިކުރެވޭ ގޮތަކަށް ނޫން. ސުޕްރީމް ކޯޓުގެ ގައިޑްލައިނުގައި މި ވިދާޅުވަނީ، ސޮއިކުރާށޭ އެކަމަކު އަޅުގަނޑުމެން ސޮއިކުރާ ލިސްޓް އެބަ އޮންނަން ޖެހެއޭ ވޯޓުލާ ހުރިހާ ފޮއްޓެއްގެ ކައިރީގައި،" ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއަދު ހެނދުނު އިންތިޒާރުކޮށްގެން ދިޔައީ އިލެކްޝަނާ މަޝްވަރާކޮށްފައި މާދަމާގެ ނިޔަލަށް 18 އަހަރު ފުރިގެން ވޯޓުލުމުގެ ހައްގު އޮތް ހުރިހާ ފަރާތެއްގެ ލިސްޓް ވަކިން އޮންނާނޭ. ދެން މީގެ ކުރިން އަޅުގަނޑުމެން ބަލައި ފާސްކޮށްފައި އޮތް ލިސްޓް އޮންނާނޭ މައި ލިސްޓެއްގެ ގޮތުގައި. އެކަމަކު އަޅުގަނޑުމެން އިލެކްޝަނަށް ދިޔައިރު މި ދެންނެވި މައި ލިސްޓެއް އިލެކްޝަންގައި ނެތް."

ޔާމީން ވިދާޅުވީ، ކުރި އިލެކްޝަނާ އެކު އެއްބަސް ވެފައިވާ ގޮތަށް ލިސްޓްތައް ޗެކްކުރުމަށް ދިޔަ އިރު އޭރު ޗެކްކޮށްފައިވާ ލިސްޓްތައް ވަނީ، މިއަދު ވޯޓުލުމަށް ޓަކައި އިލެކްޝަންސް ކޮމިޝަނުން އެކި ތަންތަނަށް ފޮނުވާފައި ކަމަށެވެ.

"އަޅުގަނޑުމެން ސޮއިކޮށްފައި އޮތް ލިސްޓް މިވަނީ އިލެކްޝަނުން މިއަދުގެ ބޭނުންތަކަށް މާލެ އާއި ހުރިހާ ރަށްރަށަށް ވޯޓުފޮށިތަކަށް ފޮނުއްވާފައި. އެހެންވީމާ އަޅުގަނޑުމެން މި ޖެހުނީ، މާދަމާގެ ނިޔަލަށް ވޯޓުލުމަށް ރީ ރެޖިސްޓްރީ ކުރި ކުދިންނާއި ރީ ރެޖިސްޓްރީ ކުރި މީހުންނާއި މިހާރު މި ވޯޓްލީ މީހުންނާ އެކު މުޅި ލިސްޓް އަޅުގަނޑުމެން މިޖެހެނީ އެންމެ ދެތިން ގަޑިއިރު ތެރޭގައި ބަލަން. އެއީކީ އިންސާނުންނަކަށް ކުރެވޭވަރުގެ ކަމެއް ނޫން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ، މިހާރު އިލެކްޝަންސް ކޮމިޝަނުގައި އޮތް ލިސްޓަކީ ކުރިން ޗެކްކޮށް ފާސްކޮށްފައިވާ ލިސްޓު ކަމަށް ގަބޫލުފުޅު ކުރަށްވަން ދަތިފުޅު ކަމަށާއި އެހެން ކަމުން އެ ލިސްޓް ބަލައި ފާސްކުރުމަށް އެކަށޭނަ ވަގުތު ބޭނުން ފުޅުކަމަށް އިލެކްޝަންގައި ދަންނަވާފައިވާނޭ ކަމަށެވެ.

"އަޅުގަނޑުމެން މި ދަންނަވަނީ އިލެކްޝަނުގައި މިހާރު އެއޮތް ލިސްޓް އެގެންގުޅުއްވާ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް އެބަ ބޭނުންވެޔޭ ގާތްގަނޑަކަށް 48 ގަޑި އިރު 240،000 އަށް ވުރެ ގިނަ އަދަދެއްގެ ވޯޓާސް ބަލަން،" ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ޕީޕީއެމް އިން ވެސް ބޮޑަށް ބޭނުންވީ އިންތިޚާބު މާދަމާ ބޭއްވުމަށް ކަމަށާއި އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ އިންތިޒާމްތައް ހުރިގޮތުން މާދަމާ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް އެއްބަސް ވެވެން ނެތީ ކަމަށެވެ.

"އަޅުގަނޑުމެންގެ ކައުންސިލްގެ ގިނަ މެންބަރުންގެ ޚިޔާލުފުޅަކީ ވެސް މި ލިސްޓް ވެރިފައި ނުކޮށް އެއްގޮތަކަށް ވެސް ލިސްޓްގައި ސޮއިކޮށްގެން ނުވާނޭ. އެހެން ވީމާ ސޮއި ނުކުރެވޭ ކަމަށް ވަންޏާ އަޅުގަނޑުމެން ތައްޔާރެއް ނޫން މާދަމާގެ ވޯޓަށް ދާކަށް. އަޅުގަނޑުމެން މި ދަންނަވަނީ އިލެކްޝަނަށް ލިސްޓް ފުރިހަމަ ކުރަށްވާފައި، އަޅުގަނޑުމެންނަށް 48 ގަޑި އިރު ދެއްވާށޭ ސޮއިކޮށްފައި 13ހައި ތަނުގައި އިންތިހާބު ބާއްވަން،" ޔާމީން ވިދާޅުވި އެވެ.

މިއަދު ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދު 46 އިންސައްތަ ވޯޓު ހޯއްދެވި އިރު ޔާމީން ވަނީ، 30 އިންސައްތަ ވޯޓު ކާމިޔާބު ކުރަށްވާފަ އެވެ. އަދި ޖުމްހޫރީ ގުޅުމުގެ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް ލިބިލެއްވީ 23 އިންސައްތަ ވޯޓެވެ.