03 Dec 2010, 15:47
ޏ. ފުވައްމުލަކުގައި ރޭ ތޫނު އެއްޗަކުން ހަމާލާދީ ޒަޚަމްކޮށްލި އެ ރަށު ވިޔަފާރިވެރިޔާ އަށް އިތުރު ފަރުވާ ދިނުމަށް އިންޑިއާ ނޭވީގެ މަތިންދާބޯޓުގައި މިރޭ އިރާކޮޅު މާލެ ގެނެސްފި އެވެ.
ރޭ ދަންވަރު 11:45 އެހާކަންހާއިރު ގައިގެ އެކި ތަންތަނުގައި ކަޓަރު އެޅުމުގެ އިތުރުން ލަކުޑިބުރިއަކުން ޖަހައި ބޯފަޅާލި ފުވައްމުލަކުގެ ޒުވާން ވިޔަފާރިވެރިޔާ، އަހުމަދު އާސިމު 36، މާލެ ގެނައީ މިރޭ އިރާކޮޅެވެ.
އޭނާ އަށް މިހާރު އަންނަނީ އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމްގައި ފަރުވާ ދެމުންނެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ފުވައްމުލަކު ހޮސްޕިޓަލުގެ އޮފިޝަލަކު ރޭ ވިދާޅުވީ އާސިމަށް ހަމަލާދީ ޒަހަމްކޮށްލިތާ ގިނައިރެއް ނުވެ އެ ހޮސްޕިޓަލަށް އޭނާ ގެންދިޔައިރު ވެސް ހާލު ވަރަށް ސީރިއަސް ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމުން އަވަސް ފަރުވާ ދިނުމަށް ރޭ 1:45 އެހާކަންހާއިރު، ޑޮކްޓަރަކާއި ނަރުހަކާ އެކު އައްޑު އަތޮޅަށް ފުރުވާލީ ކަމަށެވެ.
ފުވައްމުލަކު ހޮސްޕިޓަލުން މައުލޫމާތު ދިން އިތުރު އޮފިޝަލަކު ވިދާޅުވީ އާސިމްގެ ގައިގައި ކަޓަރު އެޅުމުގެ އިތުރުން ބޯ ފަޅައިގެން ގޮސް ބޮލުގެ ނާށިގަނޑަށް ގެއްލުން ލިބި، ވަރަށް ގިނަ އަދަދަކަށް ލޭ ފޭބި ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ އާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. އަދި އެ ހަމާލާ އޭނާ އަށް ދީފައި ވަނީ ފިހާރަ ބަންދުކޮށްފައި ގެއަށް ދިޔަ މަގުމަތީގައި ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. އޮފިޝަލު ވިދާޅުވީ އާސިމަށް ހަމާލާދިން މީހުން އޭނާ ލައިގެން ހުރި އެއްޗެހީގެ ޖީބް ޗެކްކޮށްފައިވާ ކަމަށެވެ. އޮފިޝަލު ވިދާޅުވީ އޭނާ އަށް އަދިވެސް ވާހަކަ ނުދެއްކޭތީ އެ ހަމަލާއާ ބެހޭ ގޮތުން އޭނާގެ ފަރާތުން އެއްވެސް މަޢުލޫމާތެއް ލިބިފައިނުވާ ކަމަށެވެ. އަދި އެ މަންޒަރު ދުށް މީހަކު ފެންނަން ނެތް ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އާސިމު ހަޅޭލަވައިގަތް އަޑު އިވިގެން އޭނާގެ އަންހެނުން ބޭރަށް ނިކުމެ ބެލިއިރު އޭނާ އޮތީ ލެއިން ތަތްތެޅިފަ އެވެ. އަދި އެވަގުތު އެއްވެސް މީހަކު އެހިސާބުން ފެންނަން ނެތް ކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފަ އެވެ.